މުދަލުގައި ވައިރަސް ހުންނަ ކަމަށް ބުންޏަސް އެ ހަރުލާފައި ހުންނަ މުއްދަތާ ގުޅޭގޮތުން ކަށަވަރު ހެކިތަކެއް މިހާތަނަށް ލިބިފައި ނެތް ކަމަށް ޑރ. މޫސާ މުރާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މުރާދު ވިދާޅުވީ އެކި އެއްޗެހީގައި ވައިރަސް ހަރުލާފައި ހުންނަނީ އެކި މުއްދަތަށް ވިއަސް އެއީ ކަށަވަރު ވެފައި ހުރި މުއްދަތުތަކެއް ނޫން ކަމަށެވެ. އެކި އެއްޗެހީގައި ވައިރަސް ހުންނަ މުއްދަތު ސާފުކުރަން ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުރާދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ބަލި ޖައްސާ ވައިރަސް އެކި އެއްޗެހީގައި ހުންނަ މުއްދަތު ބަރޯސާވާނީ އެތަނެއްގެ ފިނި ހޫނުމިން އަދި އެހެން ހާލަތްތަކަށެވެ. ނަމަވެސް، ކަރުދާސް ފޮށި ފަދަ ތަކެތީގައި ހަތް ދުވަހު ވައިރަސް ހުންނާނެ ކަމަށް ބަލައި، ރައްކާތެރިވުމުގެ ފިޔަވަޅެއް ނާޅައި ހަތް ދުވަސް ފަހުން އޭގައި އަތްލެވޭނެ ކަމަށް ނުވިސްނުމަށް އޭނާ އެދިވަޑައިގަތެވެ.

"ޕްލާސްޓިކުގައި ވައިރަސް ހުންނާނީ މިވެނި ދުވަހަކަށޭ އެހެން ވީމަ ތިމަންނައަށް މި ޕްލާސްޓިކްގައި އަތްލެވި ދާނެއޭ ތިން ދުވަސް ފަހުން ނޫނީ ކަރުދާސް ފޮށިގަނޑުގައި ހުންނާނީ ހަތް ދުވަހުއޭ. އެހެންވީމަ ތިމަންނަ ކަރުދާސް ފޮށީގައި އަތްލާނީ ހަތް ދުވަސް ފަހުންނޭ. އެގޮތަށް ނުވިސްނަވާށޭ. ހުރިހާ އެއްޗެއް ވެސް އެ އަތްލާ ކަމުގައި ވަންޏާ ރައްކާތެރި ގޮތުގައި އަތްލުމާއި އެ ބޭނުންކުރުމާއި ހަމަ އޭގެ ފަހުން އަތްދޮވުން މި އޮންނަނީ އިނގޭތޯ،" މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބަނދަރުން މުދާ އުފުލޭނެ ކަމަށެވެ. އެ މުދާ ބޭނުންކުރާ މީހައާ ހިސާބަށް ފޯރުމުން ވެސް ސާފުތާހިރުކަމުގެ ފިޔަވަޅު އެޅުމުން ރަނގަޅުވާނެ ކަމަށާއި ހުރިހާ ކަމެއް ވެސް އެންމެ ފަހުން އައިސް މި ގުޅެނީ އަތް ދޮވުމާ ކަމަށް ވިދާޅުވި އެވެ.

މުދަލުގެ އިތުރުން ކާބޯތަކެތީގެ ޒަރިއްޔާއިން ވެސް ވައިރަސް ފެތުރޭކަމުގެ ކަށަވަރު ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މުދާތަކުގެ ތެރެއިން އެހާ ބޮޑަށް މީތި [ވައިރަސް] ފެތުރޭ ކަހަލަ އެއްވެސް ކަށަވަރު ހެކިތަކެއް ލިބިފައެއް ނެތް. އެހެންވީމަ ކާބޯތަކެތީގެ ޒަރިއްޔާއިން ވެސް މި ފެތުރޭކަމަށް ކަށަވަރު ހެކިތަކެއް ލިބިފައެއް ނެތް. އެހެން ނަމަވެސް އާ ވައިރަސް އެއް ވީމަ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހުރިހާ ބޭފުޅުން ވެސް ލަފާ ދެއްވަނީ މި ހުރެދާނެތީވެ އެގޮތަށް އަމަލުކުރައްވާށޭ. އެއީ މީގައި އެންމެ ރަނގަޅު ގޮތަކީ،" މުރާދު ވިދާޅުވި އެވެ.