މާލެ އިން ކޮވިޑް19 އަށް ޕޮޒިޓިވް އެންމެ ކޭހެއް ފެންނަ އިރު، އެތައް ބަޔަކަށް ފެތުރިފައި އޮތުން ގާތެވެ! ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ ބިރަކީ މި އެވެ؛ މި ހާލަތު މެދުވެރިވެއްޖެ ނަމަ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލައި ކުރި ބުރަ މަސައްކަތް ބޭކާރުވީ އެވެ. ފަރުވާކުޑަވެގެން ތިއްބައި ބަލި ކޮންޓްރޯލް ނުވެ، ދުވާލަކު އެތައް ބަޔަކު މަރުވަމުންދާ ގައުމުތަކާ އެއް ހާލަތަކަށް ރާއްޖެ ދިއުން ގާތެވެ!
އާއްމުންގެ ތެރޭގައި، ވައިރަސް ފެތުރިއްޖެ ނަމަ، ރާއްޖޭގައި ކިތަންމެ މޮޅު ޑޮކްޓަރުން ތިއްބަސް ގިނަ ބަޔަަކަށް އެއްފަހަރާ ފަރުވާދެވޭނެ ގާބިލް ކަމެއް، ވަސީލަތްތަކުގެ ގޮތުން ނެތެވެ.
ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ މި ވާހަކައާ މެދު ގިނަ މީހުން ސީރިއަސްއެއް ނޫނެވެ؛ މާބޮޑު އަޅާލުމެއް ނުބަހައްޓައި، އެކަކު އަނެކަކު ޖެހި ފިތިގެން ހަދާ ކިޔޫތަކުން އެކަން ސާފެވެ. ބޭންކްތަކާއި އޭޓީއެމް ކައިރިން ވެސް ފެންނަނީ ފިތިބާރުވެގެން ތިބޭ ތަނެވެ. ސުޕަމާކެޓްތަކާއި ކެފޭތަކާއި ޓޭކްއަވޭގެ ޚިދުމަތް ދޭ ތަންތަނުގައި ވެސް އެ މަންޒަރެވެ. މި ދައްކައިދެނީ ފަރުވާކުޑަވެ ރާއްޖޭގައި ބިރުވެރިކަމާއި ނުރައްކާ އޮތް މިންވަރެވެ.
"މާލޭގެ އާބާދީ އާއި މީހުން ތޮއްޖެހިފައި އޮތް ވަރަށް ބަލާއިރު، އެންމެ ކޭސްއެއް ދޫވެއްޖެ ނަމަ ވެސް ފެތުރިފައި އޮތުން ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން ޖެހިލުން ވަނީ އަދި ޚާއްސަކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މި ޖެހެނީ އެހެންވެ،" ޑރ. މޫސާ މުރާދު "މިހާރު" އަށް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކާ އަޅާބަލާއިރު ވެސް ނުރައްކާ ބޮޑީ މާލޭގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. ރަށްރަށުގައި ދުރުދުރުގައި ގެތައް ހުއްޓަސް މާލޭގެ އެންމެ އިމާރާތެއްގައި ވެސް އެތައް ބަޔަކު ދިރިއުޅެ އެވެ.
މި ހާލަތު އެނގޭ އިރު ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ފިޒިކަލް ޑިސްޓެންސިން ނުބެހެއްޓިދާތަން. މިއީ، ވަރަށް ދެރަ ކަމެއް. --ޑރ. މުރާދު
ރާއްޖޭގައި މިހާތަނަށް ކާމިޔާބީއަކީ ދުރާލައި ފިޔަވަޅު އެޅުން ކަމަށްވާ އިރު، އެންމެ ބޮޑު ވިސްނުމަކީ އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދިނުމެވެ. އެކަމުން ރައްކާތެރިވާން، ތަރުތީބުން ފިޔަވަޅުތައް ގެންދާއިރު، ބައެއް މީހުން ސީރިއަސް ނުވާތީ ޑޮކްޓަރުންގެ ކަންބޮޑުވުން އެބަހުއްޓެވެ.
މާލެ ތެރޭގައި އާއްމުންގެ ތޮއްޖެހުން ކުޑަކުރަން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5 އިން 8 އަށް މަގުތަކަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، މި ތިން ގަޑިއިރު، ރޭގަނޑު 8 ޖަހާއިރު ނިމޭއިރު، ފެންނަނީ މަގުތަކުގައި މީހުން ކޮޅުކޮޅަށް ދުވާތަނެވެ.
މި ކަންބޮޑުވުން ފާޅުކުރައްވައި ޑރ. މޫސާ މުރާދު އެދިވަޑައިގަތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މަޖުބޫރީ ކަމެއްގެ ގޮތުގައި ނުދެކުމަށެވެ. ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ރިސޯޓުތަކަށް ހުއްދަ ނެތި މީހުން އަރައި ފޭބުން ހުއްޓުވުމާއި މާލެ ސަރަހައްދުގައި ތިން ގަޑިއިރުގެ ކާފިއުއަކީ ބަލިން ރައްކާތެރިވުމުގެ ފުރުސަތެއްގެ ގޮތުގައި ބަލައިގަތުމަށް އޭނާ އެދިވަޑައިގަތެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މުރާދު ވިސްނައި ދެއްވީ މިހެންނެވެ؛
"[މިދިޔަ ބުދަ ދުވަހަށް ފަހު] އަޅުގަނޑުމެންގެ ޕޮޒިޓިވް ކޭހަށް ބަދަލެއް އައިސްފައި ނެތް. އެއީ، ވަރަށް މިކަމުގައި ރަނގަޅު ވާހަކައެއް، ނުވަތަ މިކަމުގެ ތެރޭގައި ރަނގަޅު ދުވަސްތަކެއް. ބިރު ނެތުނީއެއް ނޫން. ބިރު އޮތް މިންވަރާ އަޅާބަލާއިރު އަޅުގަނޑުމެން ފިޔަވަޅުތައް އަޅަމުން މި އަންނަނީ،" މުރާދު ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި، 24 ގަޑިއިރުގެ ބަންދަކަށް ނުގޮސް، އުނދަގޫ ނުވާނެ ގޮތަކަށް އަމަލުކުރަމުން އަންނަނީ ރައްޔިތުންގެ ފަސޭހައަކަށެވެ. މަގުމަތީގައި ހިނގާބިނގާވެ އަދި ވެހިކަލް ނުދުއްވޭ ގޮތަށް ކަނޑައަޅާފައިވާ ކުޑަ ވަގުތުކޮޅުން ވެސް ބޮޑު ރައްކާތެރިކަމެއް، މާލޭގެ ދެ ލައްކަ އާބާދީ އަށް ލިބޭ ކަން މުރާދު ފާހަގަކުރެއްވި އެވެ.
ނަސީބު ރަނގަޅުކަމުން އަޅުގަނޑުމެން 24 ގަޑިއިރުގެ ބަންދަކަށް ނުގޮސް މި ތިބެވެނީ ވެސް. އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްގެ ސަބަބުން މިފަދަ ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް. --މުރާދު
އޭނާ ތަކުރާރުކޮށް އިލްތިމާސްކުރެއްވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މަޖުބޫރީ ކަމެއްގެ ގޮތުގައި ނުނެގުމަށެވެ.
"ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭވަރަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަން ޖެހޭ،" މުރާދު ވިދާޅުވި އެވެ.
އިސްކުރަންވީ ފަރުދީ ޒިންމާ
ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާގައި ކާފިއު ހިންގާފައި އޮތް އިރު، އެ ގައުމުގެ ރައްޔިތުން ދެއްކި ނަމޫނާ ވަރަށް ފުރިހަމަ އެވެ. ވިޔަފާރިކުރަން ލިބޭ ކުޑަ ވަގުތުކޮޅުގައި، ދުރުދުރުގައި ސަފު ހަދައިގެން ތިބި މަންޒަރުން ފެނުނީ މި ބަލީގައި އެ ގައުމުގެ ގިނަ ބަޔަކު ސީރިއަސް މިންވަރެވެ. ރާއްޖޭގައި ވެސް މި ހާލަތުގައި ކުރިއަރުވަންވީ މިފަދަ ރަނގަޅު އާދަތަކެވެ.
އިސްކުރަންވީ ފަރުދީ ޒިންމާ އެވެ. ހަނދާން ކުރަންވީ ކޮންމެ ޚިދުމަތެއް ހޯދަސް ދިޔައަސް ރައްކާތެރި ގޮތަކީ ދުރުދުރުގައި ތިބުން ކަމެވެ.
އަމިއްލަ އިސް ނެގުމާ އެކު ރާއްޖޭގައި ވެސް ބައެއް ވިޔަފާރިތަކުން ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުވެ އެވެ. އެއް ތަނަކީ އެސްޓީއޯ ސުޕަމާޓެވެ. އެތަނުގައި ފައިސާ ދައްކަން ތިބެވޭނީ ދުރުދުރުގަ އެވެ.
މި ނަމޫނާ، އެހެން ސުޕަމާޓްތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ބޭންކްތަކާއި ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ދައްކަން ޖެހެ އެވެ.
މިކަމަކީ ތިމާ އާއި ތިމާގެ އާއިލާ އާއި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ކުރާ ކަންތައްތައް ކަމަށް ދެކިގެން އަމަލުތައް ބަހައްޓައިދިނުމަކީ މި ނުރައްކަލުގައި އެންމެ ކުރީ ސަފަށް ނުކުންނަން ތިބި މީހުންގެ ހައިސިއްޔަތުން އެދޭ އެދުމެއް. --މުރާދު
ޑޮކްޓަރުންނަށް ތަކުރާރުކޮށް ނަސޭހަތް ދެއްވިދާނެ އެވެ. އިޖުތިމާއީ ގައިދުރުކަން ހަނދާނުގައި ބަހައްޓައިދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ސިކުންތަކު އެއްފަހަރު، ޓުވީޓް ކުރެވިދާނެ އެވެ. ގަޑިއަކު އެއްފަހަރު ނޫސް ކޮންފަރެންސް ބާއްވައި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުންދޭ ސަރުކާރަށް އެދެވިދާނެ އެވެ. އެކަމަކު މުހިއްމީ، މި ފިޔަވަޅުތަކާއި ދޭ އިރުޝާދުތައް ސީރިއަސްކޮށް ނެގުމެވެ. އަމިއްލަ ޒިންމާއެއްގެ ގޮތުގައި ސޯޝަލް ޑިސްޓެންސިން އަށް ސަމާލުވުމެވެ.