އެހެން މީހަކަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރެއަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ. 

ސަންޖީވާ ރެއްޑީ ޔެލްމާ، 45، ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ސަންޖީވާ ވަންނަން މަސައްކަތްކޮށްފައިވަނީ އެއާޕޯޓްގެ އިރުމަތީ ފަޅީގެ 51 ނަންބަރު ގޭޓުންނެވެ. އަމުރުން އެނގޭ ގޮތުގައި އޭނާ އަކީ ގާނޫނާ އެއްގޮތަށް، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެކެވެ. 

ނަމަވެސް އޭނާ އެއާޕޯޓްތެރެއަށް ވަންނަން އުޅުނީ އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ކަމަށް ވާއިރު އެއީ ވޯކް ވިސާ ކެންސަލްކޮށްފައިވާ މީހެއް ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. 

ހުއްދަނެތި ތަނަކަށް ވަަންނަން އުޅުމުގެ ތުހުމަތަށް ސަންޖީވް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައި ބުނެފައިވަނީ އޭނާ އެކަން ކުރި ކަމަށް ބެލެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. 

އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން އެއާޕޯޓްތެރެއަށް ވަންނަން އުޅުނު ސަންޖީވް ކޯޓުގައި ބުނީ ބޭނުންކުރި ފާހަކީ "ބޮސް" އޭނާ އަތަށް ދިން ފާހެއް ކަމަށެވެ. 

ނަމަވެސް ކުށް ކުރިކަމަށް ބެލެވޭ ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތަށް މީނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ގާޒީ ނިންމެވީ ބަންދަށް 15 ދުވަސް އިތުރުކުރުމަށެވެ.