ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ހިމަނައިގެން ތަމަޅަ ޑައިރެކްޓަރު ޝަންކަރް ހަދަން ނިންމާފައިާ ފިލްމާ ދެކޮޅަށް ޕްރޮޑިއުސަރު ވީ ރަވީޗަންދުރަން ނުކުމެއްޖެ އެވެ.

އޭނާ އަކީ ޝަންކަރް 2005 ގައި ޑައިރެކްޓްކުރި ސައިކޮލޮޖިކަލް އެކްޝަން ތުރިލާ "އައްނިޔަން" ގެ ޕްރޮޑިއުސަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަންވީރު ހިމަނައިގެން ހަދަން ބުދަ ދުވަހު އިއުލާންކުރި ފިލްމަކީ "އައްނިޔަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެ ވާހަކަ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވެސް ހިއްސާކޮށްފައިވެ އެވެެ.

ޝަންކަރާ ދެކޮޅަށް ރަވީޗަންދުރަން ނުކުތީ އެ ފިލްމު އަސްލަކަށް ބަލައިގެން ހިންދީ ފިލްމެއް ހަދަން ނިންމީ އެންގުމަކާ ވެސް ނުލައި ކަމަށް ބުނެ އެވެ. މިކަމާ ގުޅިގެން ބުދަ ދުވަހު އޭނާ ޝަންކަރަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނީ "އައްނިޔަން" ގެ ރައިޓްސް އާއި އޭގެ ވާހަކައިގެ ރައިޓް ވެސް އޮތީ އޭނާގެ އަތުގައި ކަމަށްވާތީ ހުއްދައަކާ ނުލައި އެ ފިލްމު ހަދައިގެން ނުވާނެ ކަމަށާއި އެކަން ހުއްޓައިލަން އެދޭ ކަމަށެވެ. އަދި އޭގެ ރައިޓްސް ހޯދީ ސުޖާތާ އަތުން ކަމަށް ބުނެފައިވެ އެވެ.

"އައްނިޔަން" ގެ ވިކިޕީޑިއާ ޕޭޖްގައިވާ ގޮތުން ސުޖާތާ އަކީ ފިލްމުގެ ޑައިލޮގްތައް ލިޔުނު މީހާ އެވެ. އޭގެ ވާހަކަ އާއި ސްކްރީންޕްލޭގެ ކްރެޑިޓް ދީފައި ވަނީ ޑައިރެކްޓަރު ޝަންކަރަށެވެ.

އޭނާއާ މެދު ހިތްހަމަނުޖެހިގެން ރަވީޗަންދުރަން ފޮނުވި ސިޓީގައި ވަނީ ޝަންކަރް 2003 ގައި "ބޯއިޒް" ކިޔާ ފިލްމެއް ހަދައިގެން ބޮޑު ނާކާމިޔާބިއަކާ ކުރިމަތިލާން ޖެހި ކެރިއަރު އަޑިގަނޑަކަށް ވެއްޓިފައި ނަގައި ދިނީ ވެސް "އައްނިޔަން" ޕްރޮޑިއުސްކޮށް ދީގެން ކަމަށެވެ. އެކަމަކު މިހާރު ޝަންކަރް އެކަން ހަނދާން ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ސިޓީ ނިންމައިލަމުން އޭގެ ރައިޓްސް އޮތީ ރަވީޗަންދުރަގެ އަތުގައިކަން ހަނދާންކޮށް ދެމުން ބުނެފައި ވަނީ ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަ ނުދީ "އައްނިޔަން" އަށް ބިނާކޮށް ފިލްމެއް ހަދާ ނަމަ އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން ވެސް މައްސަލަ ޖައްސާނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޝަންކަރް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ތަރަން ބުނެފައިވާ ގޮތުގައި ރަންވީރާ އެކު ހަދާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ޖޫން 17، 2005 ގައި ރިލީޒްކުރި "އައްނިޔަން" އަކީ ވިކްރަމާއި ސަދާ ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

ޝަންކަރް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަޖްނީކާންތުގެ 2018 ގެ "2.0" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކަމަލް ހަސަންގެ "އިންޑިއަން 2" އެވެ.

ރަންވީރާ އެކު ޝަންކަރް ފިލްމެއް ހަދަން އިއުލާންކުރީ ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ހަދާ ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ އިއުލާންކޮށްފައި ވަނިކޮށެވެ.