ދެހާސް ނަވާރައިގެ ތެރޭގައި މަސައްކަތް ފެށި ފަހުން އެކަށީގެންވާ ގޮތަށް ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވި ފިލްމު ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ ކަމަލް ހަސަންގެ "އިންޑިއަން 2" ގެ ޑައިރެކްޓަރު އެސް ޝަންކަރުގެ މައްސަލައެއް އެ ފިލްމު އުފައްދާ ކުންފުނި ލައިކާ ޕްރޮޑަކްޝަނުން ކޯޓަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސްގެ ތެރޭގައި ހިމެނޭ ލައިކާ އިން ކޯޓަށް މައްސަލަ ހުށަހެޅީ "އިންޑިއަން 2" ނިންމާފައި ނޫނީ ދެން ޝަންކަރަށް އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރެވޭ ގޮތަށް އަމުރެއް ނެރެދިނުމަށް އެދި އެވެ.
ލައިކާ އަކީ ޝަންކަރް އެންމެ ފަހުން ގެނެސްދިން 2018 ގެ ރަޖްނީކާންތުގެ "2.0" ވެސް އުފެއްދި ކުންފުންޏެވެ. ލައިކާގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ "އިންޑިއަން 2" ގެ މަސައްކަތް އަވަސްކުރަން ވެސް ޝަންކަރް މިހާތަނަށް މާ ބޮޑު މަސައްކަތެއް ނުކޮށް އެހެން ކަންކަމުގައި މަޝްއޫލުވެގެން އުޅޭ ކަމަށެވެ.
"އިންޑިއަން 2" އަކީ ކަމަލް ހަސަނާ އެކު ޝަންކަރް 1996 ގައި ގެނެސްދިން "އިންޑިއަން" ގެ ސީކްއެލް އެވެ. މީގެ މަސައްކަތް ހުއްޓުފައި އޮތް ކަމަލް ހަސަން މި ވަގުތު އުޅެނީ އަމިއްލަ ސިޔާސީ ޕާޓީއާ އެކު ސިޔާސީ ކަންކަމުގައި ވަރަށް ބިޒީކޮށެވެ. ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ސޮއިކޮށްފައި ހުރި ފިލްމުތަކާއި މަސައްކަތް ފަށާފައި ހުރި ފިލްމުތަކުގެ މަސައްކަތްތައް ނިންމުމަށް ފަހު، އޭނާގެ އެކްޓިން ކެރިއަރު ކުރިއަށް ގެންދިއުމާ މެދު ވަކި ގޮތެއް ނިންމާނެ އެވެ.
ލައިކާ އިން ޝަންރަކް ގޮވައިގެން ކޯޓަށް ގޮސްފައި މި ވަނީ ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްއާ އެކު ފިލްމެއް ހަދަން މި މަހުގެ މެދުތެރޭގައި އިއުލާންކޮށްފައި ވަނިކޮށެވެ. އަދި އެ ފިލްމަކީ އޭނާ 2005 ގައި ގެނެސްދިން "އައްނިޔަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމަކަށްވާތީ އޭގެ ޕްރޮޑިއުސަރު ވަނީ ފިލްމުގެ ހުރިހާ ރައިޓްސްއެއް އޮތީ އޭނާގެ އަތުގައި ކަމަށްވާތީ، ރަންވީރާ އެކު ޝަންކަރް ހަދަން އުޅޭ ފިލްމުގެ މަސައްކަތް ހުއްޓައިލަން އަންގައިފަ އެވެ.
އެހެން ނޫން ނަމަ އެ މައްސަލާގައި ކޯޓަށް ދާނެކަމުގެ އިންޒާރު ޕްރޮޑިއުސަރު ވީ ރަވީޗަންދުރަން ދީފައިވެ އެވެ.
ރަންވީރުގެ ފިލްމު ކުރިން ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ވެސް ފިލްމެއް ހަދަން ޝަންކަރް އިއުލާންކޮށްފައިވެ އެވެ. އަދި އެ ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބުނެފައިވެ އެވެ.