މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މި ސަރުކާރުން އާ ބޭފުޅަކު އައްޔަން ކުރެއްވުމުން އިބޫގެ ފަރާތްޕުޅުން ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކުރައްވައި، ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން ރަޝީދު އައްޔަން ކުރައްވައިފަ އެވެ. ހަމްދޫން މިހާތަނަށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގަ އެވެ.
އިންތިޚާބީ ރައީސް އިބޫގެ ފަރާތްޕުޅުން ކޮންމެ ދުވަހަކު ބާއްވާ ނިއުސް ބްރީފިންގައި، އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކަށް ބަދަލު ނުގެނައުމަށް ރައީސް ޔާމީންގެ ސަރުކާރަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރަށް އިލްތިމާސް ކުރަމުން މިދަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި މުއައްސަސާތަކަށް ބަދަލު ގެންނަވައި ވަޒީފާތަކާއި މަގާމުތަކަށް މީހުން އައްޔަން ކުރައްވައި، މީހުން ވަކި ކުރައްވައި މި ކަހަލަ ބޮޑެތި ކަންކަން ނުކުރެއްވުމަށް،" އާ ޕޮލިސް ކޮމިޝަނަރަކު އައްޔަން ކުރެއްވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މާރިޔާ ވިދާޅުވި އެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ވީހާ ވެސް އަމާންކޮށް، ގެންދިއުމަށް ވެސް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އާ ޕޮލިސް ކޮމިޝަނަރު ހަމްދޫނަށް ގޮވައިލެއްވި އެވެ.
"...ދެން އެހެން ވިޔަސް އެ އައްޔަން ކުރެއްވި ޕޮލިސް ކޮމިޝަނާ އަށް ވެސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އަޅުގަނޑުމެން އެދެން ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ވީހާ ވެސް އޮމާންކަމާއި އަމާންކަމާ އެކު، ދިވެހި ރައްޔިތުން ނުކުމެ އެ ބުނި ބަހާ އެއްގޮތަށް ހުރިހާ ކަމެއް ވެސް މަގުފަހިކޮށް، އެމަނިކުފާނުގެ ކޯޕަރޭޝަން ވެސް ލިބޭނެ ކަމަށް އުއްމީދު ކުރަނީ،" މާރިޔާ ވިދާޅުވި އެވެ.
އިބޫ މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސިފައިންނަށް ސިޔާސީ ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި ކަމަށް މާރިޔާ ވިދާޅުވި އެވެ.