މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ގޮތް ދަމަހައްޓާނެ ކަމަށް ސިފައިނާއި ފުލުހުން ބުނެފައިވާތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ދެ މުއައްސަސާއަށް ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށްފާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންތިހާބުގެ ނަތީޖާ ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.
"އެ ދަނޑިވަޅުގައި މި ރާއްޖޭގެ ޑިފެންސް ފޯސް އަދި ފުލުހުންގެ މުއައްސަސާއިން އަރުއްވައި ދިވެހި ރައްޔިތުންގެ ނިންމުން އެބޭފުޅުން ދަމަހައްޓަވަން ކަމަށް ވިދާޅުވެ ރައްޔިތުންނަށް އެ ދެއްވި ކަށަވަރުކަން، ރައްޔިތުންގެ ބާރު، ގާނޫނު އަސާސީއާ އެއްގޮތަށް ދަމަހައްޓައިދީފައިވާތީ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.
"އިއްޔެ ހަވީރުން ފެށިގެން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އޮތް. އެމީހުންނަށް ހީވެފައި އޮތީ ކޯޓުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ވޯޓުގެ ނަތީޖާ ލަސްކުރުމަށް ނުވަތަ އެ ނޫން ގޮތަކަށް މަސައްކަތްތަކެއް ބައެއް ބޭފުޅުން ކުރައްވާ ކަމަށް."
އިއްޔެގެ ކަންބޮޑުވުންތަކާ ގުޅިގެން ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް މަރުގެ އިންޒާރުތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވާތީ މާރިޔާ ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރަކު އެފަދަ އަމަލެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.
"އަޅުގަނޑުމެން އެއްވެސް ސަޕޯޓަރަކު މިފަދަ ކަމެއް ނުކުރާނެކަން ޔަގީން،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ ލިޔެކިޔުންތަައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާކަމުގެ އަޑުތައް އިވެމުންދާ ކަމަށް ވިދާޅުވެ މިއަދު ވެސް މާރިޔާ ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. އަދި ސަރުކާރުގެ ވަޒީފާތަކަށް މީހުން ވެއްދުމާއި ކެނޑުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެ އެފަދަ ކަންކަން ނުކުރަން މާރިޔާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.