މަޝްހޫރު މީހަކު ހިންގަން އުޅޭ ކެމްޕެއިނެއް ވަރަށް ބޮޑަށް ވައިގައި ހިފައިފި އެވެ. އޭތި ރަނގަޅުވެގެނެއް ނޫނެވެ. އެކަމާ ނުރުހޭ މީހުން މާ ގިނަވީ އެވެ. ކޮންމެވެސް އެހެން މީހަކު އެ ކެމްޕެއިންގެ ޕޯސްޓަރެއް ފޭސްބުކަށް ލީ ތަނާ އެތައް ބަޔަކު ޚިޔާލުތަފާތު ވެގެން އެ ވާހަކަ ދައްކައިފި އެވެ. ޕޯސްޓަރުގައި ލިޔެފައި އޮންނަނީ "ދުވާރު މަތިން ހިނގަން އާދަކުރަމާ!" ހެއްޔެވެ؟ ވަރަށް ރަނގަޅު ނަސޭހަތެކެވެ. ރަނގަޅު ނޫނީ އެ ޝިއާރު ނިސްބަތްކުރި ތަނެވެ؛ މާލެ އެވެ!
ހިނގަން އޮންނަ ޕޭވްމެންޓަށް "ދުވާރު" ކިޔަނީ ކީއްވެގެންހޭ ހިތަށް އަރާފާނެ އެވެ. އެކަމަކު ބަހުގެ މައްސަލަ އިހަށް ބާއްވާފައި އެއަށް ވުރެ މާ ބޮޑު ކަމަކާ ދޭތެރޭ ވިސްނަމާ ހިނގާށެވެ! މިއީ އެހާ އާއްމުކޮށް ދެކެވޭ ވާހަކައެއް ހެނެއް ހިއެއް ނުވެ އެވެ. މާލޭގެ މަގުތަކާއި ޓްރެފިކްގެ މައްސަލަތައް އަބަދުވެސް އެކި ގޮތްގޮތަށް ފާހަގަކުރާ އިރު ހިނގާ މީހުންނަށް ދިމާވާ އުނދަގޫތަކަށް މާ ބޮޑަކަށް ބަލައެއް ނުލެވެ އެވެ. ސައިކަލުގައި އުޅޭ މީހުންނަށް އެކަން އިހުސާސް ނުކުރެވޭތީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެ މަންޒަރު ކޮންމެ ދުވަހަކު ވެސް އެބަ ފެނެ އެވެ.
ހަގީގަތުގައި، ހިނގާ މީހުންނަށް މަގުމަތީގައި އެއްވެސް ޖާގައެއް ނެތެވެ. އެތައް މަގެއްގައި އެއްގޮތަކަށް ވެސް ދުވާރެއް ނެތް އިރު، ހުރި ތަނެއް ވިއްޔާ ހުރީ ނަމެއްގަ އެވެ. ހިނގާ މީހަކަށް އެއިން ތަނެއް ބޭނުންކުރެވޭކަށް ނެތެވެ.
އެންމެ ފުރަތަމަ މާލޭގެ މަގުމަތި ހިތަށް ގެންނަމާ ހިނގާށެވެ. ސިކުނޑި ސުމަކަށް ހިނގައްޖެއެއް ނޫން ހެއްޔެވެ؟ މަގުތަކުގެ ފެންވަރު އެހާ ދަށެވެ. ވެހިކަލްތަކާއި މީހުން އެހާ ގިނަ އެވެ. ދުއްވާފައި ވިޔަސް، ހިނގާފައި ވިޔަސް، އެއް ތަނުން އަނެއް ތަނަށް ދާން އުފުލަން ޖެހޭ ތަކުލީފު އެހާ ބޮޑެވެ. އާއްމު ދަތުރުފަތުރުގެ ނިޒާމެއް ނެތެވެ.
ގެއިން ބޭރަށް ނުކުމެލާ އިރަށް ބޯ ހާސްވެ އެވެ. މި އަށް ވުރެ ބޮޑަށް ދެން ކަމެއް ގޯސްވެދާނެ ބާވައޭ ހިތަށް އަރާ ވަރަށް މާލޭ މަގުމަތީގެ ހާލަތު ދަށަށް ހިނގައްޖެ އެވެ. އަދި މި އަހަރު ތެރޭ މި މައްސަލަ މި އޮތީ ކުއްލިއަކަށް މުޅިން އެހެން ހިސާބަކަށް ގޮސްފަ އެވެ. ކުއްލިއަކަށޭ މި ބުނީ އާއްމުކޮށް ބޭރަށް ނުކުމެ ނޫޅޭތާ ދުވަސްތަކެއް ކޮށްފައި ނުކުންނަން ފެށި އިރު އަންތަރީސް ވާން ޖެހުނީމަ އެވެ.
މަގުތަކަށާއި ޓްރެފިކަށް މި ފަހުން ގެނައި ބަދަލުތަކާ ހެދި ކަމެއް ނުވަތަ އެކި ކަހަލަ ޕްރޮމޯޝަންތަކާ ހެދި ކުއްލިއަކަށް ސައިކަލު ގިނަވެގެން ކަމެއް ނޫނީ އެހެން ސަބަބަކާ ހެދި ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. ސައިކަލަށް އަރައިގެން ނައްޓާލާފައި ދެން ކުރިއަކަށް ނުދެވެ އެވެ. ދުއްވާއެއްޗެހި ގިނަކަމުންނެވެ. ނުވި ތާކަށް، މަގުމަތީގައި ހުންނަ އަޑިގުޑަންތައް ގިނަވެ ކުރިއަށް ވުރެ މާ ބޮޑަށް ހާލަތު ގޯސްވެއްޖެ އެވެ. އެ ވަޅުގަނޑުތައް ކަޑައްތުކުރަމުން ސައިކަލު ދުއްވާ އިރު ހީވަނީ ގަދަ ކަނޑެއްގައި އުޅެވޭހެންނެވެ. ބުރަކަށީގައި ރިއްސައިގަނެ އެވެ. އެކަމަކު އެ ވާހަކަ ބާއްވާފައި މިފަހަރު ދައްކަން މި ޖެހެނީ ފައިމަގުގައި އުޅޭ މީހުން ކުރަން ޖެހޭ ހިތި ތަޖުރިބާގެ ވާހަކަ އެވެ. އެ މީހުން އުޅެނީ ދުއްވާ މީހުންނަށް ވުރެ ވެސް މާ ހާލުގަ އެވެ.
ހިނގާފައި އުޅޭތަން ގިނައިން ފެންނަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އެންމެ އާއްމުކޮށް، ކުޑަކުދިން ގޮވައިގެން ދާ އަންހެނުންނެވެ. ސްކޫލްތަކަށް ވަދެ ނުކުމެ ހަދާ ގަޑިތަކުގައި އެފަދަ ދަރިވަރުންނާއި ބެލެނިވެރިން އުޅޭ ގޮތް ފެނިފައި ސަހަރޯ ހީވެ އެވެ. ދުވާރެއް، ކަފިހި ހުރަހެއް ނެތިގެން ދާން ޖެހެނީ ވެހިކަލްތަކުގެ ތެރެއިން ލާފަ އެވެ. ފުލުފުލުން އެއްޗެހި ދުއްވާފައި ދާތީ ހިނގައިނުގަނެވި ކޮންމެވެސް ދޭތެރެއެއްގައި ތާށިވެފައި އެތައް އިރަކު ތިބެން ޖެހިދާނެ އެވެ.
ޓްރެފިކް ހުއްޓިއްޖެއްޔާ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ހިނގާ މީހުންނަކަށް ވެސް ނޯވެ އެވެ. ދުވާރެއް ނެތީމަ އެވެ. ދުވާރު މަތިން ކުރިއަށް ނުދެވޭތީ އެވެ. ދުވާރު މައްޗަށް އެރޭނެ ގޮތެއް ނެތީމަ އެވެ. ދުވާރުމަތީގައި ދޫވެފައި ހުންނަ ގާތަކުގައި އަޅައިގެންފައި ފައި ފުރޮޅޭތީ އެވެ. ވަޅުގަނޑުތަކަށް ގަނބައިގަންނާތީ އެވެ.
"ދުވާރު މަތިން ހިނގަން އާދަކުރަމާ!"ހޭ މީހަކު ބުނީމާ އެތައް ބަޔަކު ރުޅިގަދަވި ސަބަބަކީ މި އެވެ. މާލޭގެ ހަނި މަގުތަކާއި ގޯޅިތައް މި ހުރީ އެތަކެއް ހާސް ވެހިކަލްތަކުން ތޮއްޖެހި މުޅިން ބޮއްސުންލާފަ އެވެ. އޮބިނޯންނަ ވަރަށް ސައިކަލްތައް އެބަ އިތުރުވެ އެވެ. ކާރާއި ޕިކަޕާއި މުދާ އުފުލާ ބޮޑެތި ވެހިކަލްތަކާ ހެދި މަގުތައް އިރުއިރުކޮޅާ ބަންދުވެ އެވެ. މި ހާސްކަމުގެ ތެރޭގައި އެންމެ ބޮޑަށް ފިތި ބާރުވެފައި ތިބީ ފައިމަގުގައި އުޅޭ މީހުންނެވެ. އެ މީހުން މަގުމަތީގައި އުޅެން ޖެހެނީ ވަރަށް ނުރައްކާތެރި، އެހާމެ ދަތި އުނދަގޫ ހާލެއްގަ އެވެ.
ފައިމަގުގައި އުޅޭ އެންމެން ވެސް ކުރާ ތަޖުރިބާއަކީ މި އެވެ. ޝާދިޔާ އިބްރާހިމް ގާތު އަހާލާށެވެ. އޭނާއަކީ ކުރިން ބުނި ކެމްޕެއިނަށް ފާޑުކީ މީހުންގެ ތެރެއިން އެކެކެވެ. ދެން ޝާދިޔާ ފެށީ އޭނާގެ އަމިއްލަ ކެމްޕެއިނެކެވެ. އެ ކެމްޕެއިންގެ ޝިއާރަކީ "ދުވާރު ކޮބާ ހެއްޔެވެ؟" ރަނގަޅު ވާހަކައެކެވެ. ދުވާރު މަތިން ހިނގަން އާދަކުރެވޭނީ ދުވާރު ފެނިގެންތާ އެވެ!
"#ކޮބާ ދުވާރު" ޖަހާފައި ޝާދިޔާ ސޯޝަލް މީޑިއާގައި ޝެއާކުރަމުން އަންނަ ފޮޓޯތައް ފެނިފައި އަޅުގަނޑު ހައިރާންވެ އެވެ. ގެއިން ނުކުމެގެން އޮފީހަށް ދާން އޭނާ ހޭދަކުރާ ދިހަ ވަރަކަށް މިނިޓް ތެރޭގައި އެ ފެންނަނީ ހާދަހާ ގިނަ މަންޒަރުތަކެކެވެ. މުޅިން ވެސް ދުވާރުގެ މައްސަލަތަކެވެ. ކޮންމެވެސް އިމާރާތެއް ހަދަމުންދާތީ ދުވާރު މަތީގައި ބިއްގަނޑެއް ޖަހާފައި ހުރެދާނެ އެވެ. ހަތަރު ފުރޮޅުލީ ވެހިކަލެއް މަޑުކޮށްލަން ނުވަތަ ޕާކްކޮށްލަން ވެސް ދުވާރު ހަމަ އެންމެ ރަނގަޅެވެ. އެންމެ އާއްމު އެއް ކަމަކީ ފިހާރަތަކުން މުދާ ބަހައްޓާ ޖަގަހައެއްގެ ގޮތުގައި ދުވާރު ބޭނުންކުރުމެވެ. ވޯކްޝޮޕެއްގެ ބަޔަކަށް ހަދައިގެން ދުވާރު މަތީގައި އެ ތަނުގެ މަސައްކަތްތައް ވެސް ކޮށްފާނެ އެވެ. އެހެންވީމާ ހިނގާ މީހުން ކެތްގަދަ އެވެ. ރުޅި މަޑެވެ.
ދުވާރު މަތިން ހިނގަން އާދަކުރެވޭނީ ދުވާރެއް އޮވެގެންނެވެ. ދުވާރަށް އެރޭނެ ގޮތަކާއި ދުވާރު މަތިން ކުރިއަށް ދެވޭނެ ގޮތެއް ވެސް ވެގެންނެވެ. މާލޭ މަގުމަތީގެ ހުރިހާ މައްސަލަތަކެއް ވެސް ހަމަ މި ފަދަ އެވެ. ހީވަނީ ބޮޑު ޖޯކެއްހެންނެވެ. އެ ވާހަކަ ދެއްކީމާ ރުޅި އައުން ނޫން ކަމެއް ނުވެ އެވެ. ހައްލެއް ނުލިބޭ ތާނގައި، ކަންތައް ދަނީ ހައްތަހާ ބޮޑަށް ގޯހުން ގޯހަށެވެ.