އެހެން ނޫނީ ކާރޫބާރޫ ބޮޑުމަޖީދީ މަގު މިހާރު ވަނީ ހުސް ވެފަ އެވެ. ރޭގަނޑުގެ އެންމެ ޕީކް ވަގުތުތަކުގައި ވެސް އެ މަގުގައި ވިޔަފާރިކުރަން އުޅޭ މީހުން "ގެއްލިއްޖެ" އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ އިރު އޭގެ އެންމެ ބޮޑު އަސަރެއް ކުރަމުންދާ އެއް ބަޔަކީ ހެދުމާއި ރީތިވާ ސާމާނު ވިއްކާ ފިހާރަތަކެވެ. މީހުން ވިޔަފާރިކުރަން ނުދާތީ އެފަދަ ގިނަ ފިހާރަތައް ގިނަ ވަގުތު ހުންނަނީ ބަންދުކޮށްފަ އެވެ. ބައެއް ފިހާރަތަކުގެ ސޭލްސްގެ ގޮތުގައި "ސުމެއް" ޖަހަން ޖެހޭ ދުވަސްތައް މިހާރު ވަނީ ގިނަ ވެފަ އެވެ.

ހެދުމާއި ފައިވާން ފަދަ ސާމާނުތައް ފުޅާ ދާއިރާއެއް ކުރާ އަބްދުﷲ ސާމިރު (ޗާއްޕޮ) ވިދާޅުވީ، އޭނާ ހިންގާ ހަތަރު ވިޔަފާރީގެ އާމްދަނީ މިހާރު 90 ޕަސެންޓް ދަށް ކަމަށެވެ. ބައްއް ފިހާރަތަކުން ހަފްތާއެއް ވަންދެން ވެސް އެއްޗެއް ގަންނާނެ މީހަކު ނުވެ، ހުސް އަތާ ފިހާރަ ބަންދު ކުރަން ޖެހޭ ހާލަތު މިހާރު ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޗާއްޕޮ ހިންގާ އެންމެ މަޝްހޫރު އެއް ފިހާރަ "ޗެޕްސް" މިހާރު ހުޅުވަނީ ކޮންމެ ދުވަހަކު ވެސް ރޭގަނޑު އެވެ. ރޭގަނޑު ހުޅުވިޔަސް، ގިނަ ރޭރޭ ނިމިގެން ދަނީ އެއްވެސް މީހަކު ވިޔަފާރި ނުކޮށެވެ. ކޮވިޑް-19 އާ ގުޅިގެން މާލޭގެ މަގުތަކަށް މީހުން ނުކުމެ ނޫޅުމަށް ކަމާ ގުޅޭ އިދާރާތަކުން އެންގުމާ އެކު މިފަދަ ވިޔަފާރިތަކުން އެއްޗެހި ގަންނަ މީހުން ވަރަށް މަދެވެ. އަނެއްކޮޅުން ގައުމުގެ ހާލަތު ދާނެ ހިސާބެއް ނޭންގި، ވަޒީފާ އަށް ވާނެ ގޮތެއް ނޭންގޭތީ ގިނަ މީހުން ހަރަދު ކުރަން ބޭނުންވަނީ އެންމެ ޒަރޫރީ ކަންކަމަށެވެ.

ކާރޫބާރޫ ބޮޑު މަޖީދީމަގު:- ފައިލް ފޮޓޯ: މިހާރު
ކާރޫބާރޫ ބޮޑު މަޖީދީމަގު:- ފައިލް ފޮޓޯ: މިހާރު

"މި ދުވަސްކޮޅު އެއްވެސް ގޮތަކަށް ސްޕެންޑް ކުރަން ބޭނުމެއް ނުވޭ މީހުން. ފިހާރަ އަށް ވަންނަ ނަމަތާ އެއްޗެއް ގަންނާނީ ވެސް. ފިހާރަތަކަށް ވަންނަ މީހުން ވެސް ވަރަށް މަދު،" އޭނާ ވިދާޅުވި އެވެ.

މިއީ އޭނާ ވިޔަފާރިކުރަން ފެށި ހަތް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އަޑިއަޅާލި ފަހަރެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ބައެއް ފިހާރަތަކަށް ދައްކަން ޖެހޭ ކުލި ވެސް ދެއްކުމަށް ވެސް ވަރަށް ބޮޑު ދަތިކަމާ ކުރިމަތިވެފައިވާ ކަމަށް ސާމިރު ވިދާޅުވި އެވެ.

ހެދުން ވިއްކާ އެހެން ފިހާރައަކުން ބުނި ގޮތުގައި ކޮރޯނާވައިރަސް ރާއްޖޭގައި ފެނުނު ހިސާބުން ފެށިގެން އާންމުން ވަނީ ބޭކާރު އެއްޗެހި ގަތުން މަދުކޮށްލައިފަ އެވެ. ހެދުން ކަހަލަ އެއްޗިއްސަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަހު ބާކީވާ ފައިސާ އިން ގަންނަ އެއްޗަކަށް ވާތީ، ހެދުން ފިހާރަތަކަށް މީހުން ދިއުން ވެސް މިހާރު ވަރަށް ބޮޑަށް މަދުކަން އެތަނުން ފާހަގަ ކުރި އެވެ.

"ދުވާލު ވަގުތުތަކުގައި ހަމަ އެކަކު ވެސް ވަދެނުލާ. ރޭގަނޑު އެހެން ވަދެލާ މީހަކު ގަމީހެއް ކަހަލަ އެއްޗެއް ގަނެލަފާނެ،" އެތަނުން ބުންޏެވެ.

އެތަނުން ވާހަކަ ދެއްކި މީހާގެ ސުވާލަކީ މި އެވެ؛ ބޮޑު ކުއްޔެއްގައި، ހާއްސަކޮށް މަޖީދީމަގު ކަހަލަ މަގަކުން ބޮޑު ކުއްޔެއްގައި ހިންްގާ ފިހާރަތައް ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ފަސް މުވައްޒަފުން އެބަ ގެންގުޅެން. ކުލި 40،000ރ. ދެން ބުނެބަލަ ހަދާނެ ގޮތެއް. މުޅި މަހުގެ ސޭލްސް 5000ރ. ހަމަނުވޭ،" މަޖީދީ މަގުގައި ފިހާރަ ހިންގާ މީހާ ބުންޏެވެ.

މަޖީދީމަގުގައި ހިންގާ އެހެން ފިހާރަތަކަށް ވެސް ވަނީ ހަމަ މި ހާލަތާ ކުރިމަތިވެފަ އެވެ. ހެދުމާއި ފައިވާން ފަދަ ސާމާނު ވިއްކާ "ފެޝަން ޓްރީ" ފިހާރަ އަށް ވިޔަފާރި ކޮށްލަން މީހަކު ނުވަންނަތާ ހަފްތާއެއް ވަނީ ވެފަ އެވެ. އެހެން ނޫނީ އެއީ ވަރަށް ބާރުބޮޑު ފިހާރައެކެވެ. ސާމިރު ވިދާޅުވީ، މި ދުވަސްވަރުގެ މި ހާލަތުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވަނީ މަޖީދީމަގުގައި ހިންގާ މިކަހަލަ ފިހާރަތަކަށެވެ. ސަބަބަކީ، އެންމެ މީހުން ގިނަ ސަރަހައްދުތަކަށް އާންމުން ދާން ޖެހިލުންވުމެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓް ވިއްކާ "ލެކިއުޓް"ގެ މާކެޓިން މެނޭޖަރު އަހުމަދު މައުރޫފް ވިދާޅުވީ، ވިޔަފާރި ގާތްގަނޑަކަށް 50 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

މީހަކު ބާޒާރުކޮށްލައިގެން ދަނީ: ހެދުމާއި ކޮސްމެޓިކްސް ކަހަލަ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައި -- ފައިލް ފޮޓޯ: މިހާރު
މީހަކު ބާޒާރުކޮށްލައިގެން ދަނީ: ހެދުމާއި ކޮސްމެޓިކްސް ކަހަލަ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައި -- ފައިލް ފޮޓޯ: މިހާރު

"މީގެ ކުރިން ވިޔަފާރި އަށް މިފަދަ އެއްވެސް ހާލަތެއް ކުރިމަތި ނުވޭ. އެންމެ ބޮޑު ގޮންޖެހުމަކީ މިކަން ދިގުދެމިގެންދާނެ ދުވަހެއް ނޭންގޭތީ،" އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، މި ހާލަތުން އަރައިގަތުމަށްޓަކައި ލެކިއުޓް އޮންލައިން ޝޮޕް މެދުވެރިކޮށް ވިޔަފާރި ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިންކޮށް މީހުން ތަކެތި ގަންނަ މިންވަރު އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮސްމެޓިކްސް ވިއްކާ މަޝްހޫރު އެހެން ފިހާރައެއް ކަމަށްވާ ޕޮއިސް ޕާފިއުމްގެ ވެރިޔާ އިލްޔާސް މުހައްމަދު ވިދާޅުވީ، އާންމުކޮށް ޖެހޭ ސޭލްސްގެ 70 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. ސޭލްސް އެހާ ބޮޑަށް ދަށަށް ދިޔައީ ރާއްޖެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ހިސާބުން ފެށިގެންނެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރު ކަމުގެ އަސަރު، ހުރިހާ ވިޔަފާރިއަކަށް ވެސް މިވަނީ ކޮށްފަ އެވެ. ބައެއް ވިޔަފާރިތަކުން ބުނާ ގޮތުގައި، މި ހާލަތު ދެމިގެންދާ ނަމަ ވިޔަފާރި ހިންގުމަށް ދަތިވެ ހުއްޓާލަން ޖެހޭނެ އެވެ.