ލަންޑަން (ނޮވެމްބަރު 17) - ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ އަކީ ކުޅުންތެރިންގެ ހިތްދަމައިގަތުމަށް ކުޅަދާނަ ކޯޗެކެވެ. އޭނާ ކޯޗުކޮށްދިން އެކި ޓީމުތަކުގައި ތަފާތު ތަޖުރިބާތަކެއް ވަނީ ކޮށްފަ އެވެ. ކުޅުންތެރިން ނިންދަވަން ވާހަކަ ވެސް ކިޔައިދީ ހެދި އެވެ. ދާދި ފަހުން ފުލަމްއާ ހަވާލުވެ ރަނިއޭރީވީ ވައުދަކީ ލަނޑެއް ނުވަދެ މެޗެއް ނިންމާ ކޮންމެ ފަހަރަކު މުޅި ޓީމަށް އޭނާގެ ހަރަދުގައި މެކްޑޮނާލްޑްސް ބާގާއެއް ދިނުމެވެ.

"ލެސްޓާ ސިޓީގައި ކުޅުންތެރިން ކްލީންޝީޓްސް އެއް ގެންނަ ކޮންމެ ފަހަރަކު އަހަރެން މުޅި ޓީމަށް ޕިއްޒާ ދިނިން. އެކަމަކު މި ފަހަރު މިކަން ބަދަލުކޮށްލާނަން. އެއީ ޕިއްޒާ އަކުން މިހާރު ނުވާނެ. އަހަރެން ފުލަމް ކުޅުންތެރިންނަށް ހުށަހެޅީ ލަނޑެއް ނުވައްދައި ނިންމާލާ ކޮންމެ މެޗެއްގައި ހުރިހާ ކުޅުންތެރިންނަށް މެކްޑޮނާލްޑްސްގެ ބާގާ ދޭން،" ކުރިން ޗެލްސީ އާއި ލެސްޓާގައި ކާމިޔާބީތަކެއް ހޯދި ރަނިއޭރީ ބުންޏެވެ.

ލެސްޓާ އިން 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ތަށި އުފުލާލިއިރު، ރަނިއޭރީގެ ޕިއްޒާ ޕާޓީ ތައާރަފްކުރީ އޭގެ އެއް އަހަރު ކުރިން އެ ޓީމު ރެލިގޭޝަން ޒޯނުގައި އޮތްއިރު އެވެ. އެކަމަކު ފަހުން ވެސް އެ ކަންތައްތައް ކުރިއަށްގެންދިޔައީ އެ ކްލަބްގެ ކުޅުންތެރިން އެއްބައިވަންތަކޮށް ޓީމެއްގެ ގޮތުގައި ދެމެހެއްޓުމަށް އޭގެއިން ބޭނުންވާ ނަތީޖާ ފެންނާތީ އެވެ. އަދި މި ވަގުތު ލީގުގެ އެންމެ ފުލުގައި އޮތް ފުލަމްގައި ވެސް ކާމިޔާބު މަސައްކަތެއް ކުރަން އޭނާ ވަނީ އަމާޒުހިފައިފަ އެވެ.

"ލެސްޓާގައި ކުރެވުނު ތަޖުރިބާ އަކީ މާޒީ. އެއީ ވަރަށް ފުރިހަމަ ވާހަަކައެއް. ފުލަމްގައި ވެސް ކާމިޔާބު މަސައްކަތެއް ކުރަން ބޭނުން. އެއީ ފުލަމްގައި އޮތް ސްކޮޑަކީ ރެލިގޭޝަނަށް ވުރެ މަތީ ލެވެލްގެ ކުޅުންތެރިން ތިބި ސްކޮޑެއް،" ރަނިއޭރީ ބުންޏެވެ.

އުމުރުން 67 އަހަރުގެ ރަނިއޭރީ އަކީ ފުލަލް އަށް އެންމެ ފަހުން އިރުޝާދުދިން ސްލަވީސާ ޔޮކަނޮވިޗަށް ޗެލްސީގައި އިރުޝާދުދިން ކޯޗެކެވެ. ޔޮކަނޮވިޗް މަގާމުން ދުރުކުރަން ފުލަމްގެ ވެރިޔާ މަޝްހޫރު މަހުޖަނު ޝާހިދު ހާން ނިންމީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 100 މިލިއަން ޔޫރޯ ހަރަދުކޮށް އެކަށީގެންވާ ނަތީޖާ ނުރެވުމުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ފުލަމް އަށް ލިބުނީ ފަސް ޕޮއިންޓެވެ.

ލެސްޓާ އަށް ފަހު ރަނިއޭރީ ފެނުނީ ފްރާންސްގެ ނޯންޓެސް އިންނެވެ. އެ ޓީމުގެ ކޯޗުކަމުން އޭނާ ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ. ފުލަމްއާ އެކު ރަނިއޭރީ ފުރަތަމަ މެޗަކަށް ނުކުންނާނީ މި މަހު 24 ވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމު ބައްދަލުކުރާނީ ސައުތެމްޓަންއާ އެވެ.