އެމްއެންޑީއެފުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާގެ ކޮއްޓަށްލި އާޓިފިޝަލް "ޖަނަވާރުތައް" ފާޑުކިއުންތައް އަމާޒުވުމުން ނެރެފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްގެން މަރާމާތުކުރުމަށްފަހު ވަގުތީގޮތުން އަލުން ކުޑަކުދިންގެ ބަގީޗާ ހުޅުވިއިރު އެތަނުގައި ނަރުދާ ޖަހައިގެން ހަދާފައިވާ ކޮޓެއްގެ ތެރޭގައި އާޓިފިޝަލް މިނިކާވަގަކާއި ރެއިންޑިއާ އެއް ބާއްވާފައި އޮއްވައި ފެނިގެން ގިނަ ބަޔަކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޖަހާފައިވެ އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވި އެވެ.
އެއް ބަޔަކު ބުނިގޮތުގައި ސަރުކާރުން މިހާރު ސިޔާސީ މީހުންގެ އިތުރުން އާޓިފިޝަލް ޖަނަވާރު ވެސް ކޮއްޓަށްލާން ފަށައިފި ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފެން ފޯއް ރުއްތައް ކަނޑާލާފައި މިނިވަން 50 އަށް އިންދީ ޕްލާސްޓިކް ރުއް ކަމަށެވެ. އަދި ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލުމަށްފަހު ކޮއްޓަށްލީ ޕްލާސްޓިކް ޖަނަވާރު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޖަނަވާރުތަކަކީ ކޮއްޓަށްލާން ގެނައި އެއްޗެއް ނޫން ކަމަށެވެ. އަދި އެތަކެތި އެތަނުގައި ވަގުތީ ގޮތުން ބެހެއްޓި ނަމަވެސް މިހާރު އެތަކެތި ކޮށިން ބޭރުގައި ފެންނަ ގޮތަށް ބަހައްޓާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ކޮއްޓަށްލާން ގެނައި އެއްޗެއް ނޫން. އައުޓްޑޯ އަށް ހާއްސަ އެއްޗެއް އެއީ. އެހެންވެ މިހާރު ބޭރުގައި ބަހައްޓާފައިވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން 2000ގެ ކުރީކޮޅު ބަޔަކު ހިފި ކުޑަ ކިނބުލެއް ކުޑަކުދިންގެ ބަގީޗާގައި ކޮއްޓެއް ހަދާފައި ބޭއްވި އެވެ. ނަމަވެސް އޭތި ވަރަށް ބޮޑުވެފައި ވަނިކޮށް މިހާރު ވަނީ އެތަނުން ނަގައިފަ އެވެ. އެކަމަކު އެއަށް ހެދި ގޮތެއް މިހާތަނަށް އެނގިފައެއްނުވެ އެވެ.