ކުޑަކުދިންގެ ބަގީޗާ މިހާރު ބަންދުކޮށްފައި އޮތީ ބޮޑެތި ބަދަލުތަކެއް ގެންނަން ކަމަށާއި އަލުން ހުޅުވާއިރު ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް، އެ ބަގީޗާ ބަލަހައްޓާ އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ސިފައިންގެ ވެލްފެއާ ކުންފުނި، ސިފްކޯ އިން ބަލަހައްޓާ ޕާކަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިހާރަށްވުރެ ހިތްގައިމު ތަނަކަށް ކުޑަކުދިންގެ ބަގީޗާ ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަތާ މަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި މަރާމާތާއި ބަދަލުތަކަށް ފަހު ބަގީޗާ ހުޅުވާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަގީޗާ އަލުން ހުޅުވާނީ ކުޑަކުދިން ކުޅޭނެ މުޅިން އާ ސާމާނުތައް ބަހައްޓައި ތާޒާ މާހައުލަކާ އެކު ކަމަށެވެ. ބަގީޗާ އަށް ގެންނަ ބަދަލުތަކުގެ މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ތަރުޖަމާނު ވިދާޅުވީ އަލުން ހުޅުވާއިރު ބަގީޗާގައި ހަމަޖެހިލައިގެން ތިބެވޭނެ ކަމަށެވެ.

"މުޅިން އާ ބަގީޗާއަކަށް ވެގެންދާނެ މަރާމާތުގެ މަސައްކަތްތައް ނިމުމުން. އާ ކުޅިވަރުތައް ކުޅޭނެ ސާމާނުތައް ވެސް ބެހެއްޓިގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

ކުޑަކުދިންގެ ބަގީޗާ އަކީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު ގިނަ އަދަދެއްގެ ކުދިން އާއިލާއާ އެކު ހިތްއުފާކޮށްލަން ގޮސް އުޅޭ ތަނެކެވެ. އަދި ބަންދު ދުވަސްތަކުގައި އެތަނަށްދާ އާއިލާތައް ގިނަ އެވެ.