ޝެންޒެން (އޮގަސްޓް 14) - ބްރެޒިލުން އެތެރެކޮށްފައިވާ ޗިކަން ވިންގް ޕެކެޓުގެ ބޭރުން ނެގި ސާމްޕަލް ކޮރޯނާވައިރަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗައިނާގެ ޝެންޒެން ސިޓީން ބުނެފި އެވެ.
ޗައިނާ އިން މީގެ ކުރިން ވެސް ބުނެފައި ވަނީ އެ ގައުމަށް އެތެރެކުރި ފިނިކުރި ސީފުޑުން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށެވެ. ޝެންޒެންގެ ލޯކަލް ގަވަރްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ ޕޮޒިޓިވްވެފައި ވަނީ ބްރެޒިލުގެ ދެކުނުގެ ސަންޓަ ކަޓަރީނާގެ އަރޯރާ އަލިމެންޓޯސް ޕްލާންޓުން އެތެރެކޮށްފައިވާ ކުކުޅު ކަމަށެވެ. ކުކުޅުގެ ޕްރޮޑަކްޓްތަކާ ކޮންޓެކްޓްވި އެންމެންގެ ޓެސްޓް ހަދާފައިވާ ކަމަށާއި އެކަމަކު ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އިމްޕޯޓްކޮށްފައިވާ ފިނިކުރި ކާބޯތަކެތި ގަތުމުގައި ރައްޔިތުން ސަމާލުވުމަށް ޝެންޒެންގެ ލޯކަލް ގަވަރްމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޗައިނާގެ ދެކުނުގެ ޝަންޑޮން ޕްރޮވިންސްގެ ޔަންޓައި ސިޓީގައި ވަނީ އިމްޕޯޓްކޮށްފައިވާ ފިނިކުރި ސީފުޑުގެ ތިން ޕެކެޓެއްގެ ބޭރުން ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ރަސްމީ ޓީވީން ބުދަ ދުވަހު ބުނެފައި ވަނީ އިކުއެޑޯ އިން އެތެރެކޮށްފައިވާ ޝްރިމްޕް ޕެކޭޖެއްގެ ސާމްޕަލް ވޫހާން ސިޓީގެ ރެސްޓޯރެންޓަކުން ޗެކްކުރި އިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަދި އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައި ވަނީ ކާނާގެ ޒަރިއްޔާ އިން ވައިރަސް އެރުމުގެ ފުރުސަތު ހަނި ކަމަށެވެ.
ބްރެޒިލްގެ އެސޯސިއޭޝަން އޮފް އެނިމަލް ޕްރޮޓީނުން ބުނެފައި ވަނީ ކުކުޅު ޕެކެޓުން ވައިރަސް ފެނުނު ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށާއި ނަމަވެސް އެއްގަމު މަހުން ވައިރަސް އަރާކަމުގެ ސައެންޓިފިކް އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެ ޖަމިއްޔާ އިން ބުނެފައި ވަނީ ޕެކޭޖިން އަށް ވައިރަސް އެރީ ޕެކްކުރުމުގެ ތެރޭގައިކަން ނުވަތަ އެކްސްޕޯޓް ކުރުމުގެ ޕްރޮސެސްގެ ތެރޭގައިކަން ނޭނގޭ ކަމަށެވެ.
ބްރެޒިލްގެ އެގްރިކަލްޗާ މިނިސްޓްރީން ބުނެފައި ވަނީ ޗައިނާ އިން ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.