ސައޮ ޕައުލޯ (އޮކްޓޯބަރު 21) - ކޮރޯނާވައިރަހަށް ޗައިނާ އިން އުފެއްދި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ބްރެޒިލްގައި ފަށަން ނިންމައިފި އެވެ.

ސައޮ ޕައުލޯގެ ގަވަރުނަރު ޖާއޯ ޑޯރިއާ ވިދާޅުވީ ޗައިނާގެ ކޮރޯނާވެކް ވެކްސިންގެ 46 މިލިއަން ޑޯޒް ގަތުމަށް ބްރެޒިލް ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާނީ އަންނަ ޖެނުއަރީ ހިސާބުގައި ކަމަށެވެ. މިއީ ކޮރޯނާވައިރަހާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާ ފުރަތަމަ ގައުމެވެ.

ބެރެޒިލަކީ ކޮރޯނާވައިރަހަށް ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އެ ގައުމުން 5,274,817 މީހުން ޕޮޒިޓިވެފައިވާ އިރު 154,888 މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާގެ ސިނޯވެކް ބަޔޯޓެކުން އުފެއްދި ވެކްސިނަށް ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފި ނަމަ އެއީ އެ ގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ބޭނުން ކުރާ ދެ ވަނަ ވެކްސިނަށް ވާނެ އެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ބްރެޒިލުން ވަނީ ނިންމައިފަ އެވެ.

ޗައިނާގެ ވެކްސިން ވަނީ ސައޮ ޕައުލޯ ސްޓޭޓުގެ ރިސާޗް ސެންޓަރުގައި ޓެސްޓްކޮށްފަ އެވެ. އެ ސެންޓަރުން އިއްޔެ ބުނެފައި ވަނީ ދެ ޑޯޒްގެ މައްޗަށް އެކުލެވޭ އެ ވެކްސިން އަކީ ރައްކާތެރި އެއްޗެއް ކަމަށް ކްލިނިކަލް ޓްރަޔަލްތަކުން ދައްކާފައިވާ ކަމަށެވެ. ވެކްސިން ދިނުމުން ކޮރޯނާވައިރަހުން ރައްކާތެރިވާ މިންވަރު ހާމަކުރެވޭނީ ހުރިހާ ޓެސްޓްތަކެއް ނިމުމުން ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.

ސިނޮވެކް ބަޔޯޓެކްގެ ކޮރޯނާވެކް ވެކްސިން އާއްމުން ތަޖްރިބާ ކުރުމަށް މި ހަފުތާގައި ހުޅުވާލުމާ އެކު އެތައް ހާސް ބަޔަކު ޗައިނާގައި އެ ވެކްސިން ވަނީ ޖަހައިފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ތިން ހަފުތާ ތެރޭ ލޯންޗް ކުރާނެ ކަމަށެވެ.

ޗައިނާގެ ވެކްސިންގެ ޓްރަޔަލްތައް ތުރުކީ އާއި އިންޑޮނީޝީއާގައި ވެސް ވަނީ ފަށައިފަ އެވެ.