ނ. އަތޮޅުުގައި ތަރައްގީ ކޮށްފައިވާ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސްޕެއިންގެ ޓޫރިސްޓަކު އެ އަތޮޅުގެ ދެ ރަށެއްގެ ސްކޫލްތަކަށް ތަކެތި ހަދިޔާކޮށްފި އެވެ.
އޭނާ ވަނީ އެ އަތޮޅުގެ ވެލިދޫ ސްކޫލަށް ހަތަރު ޓީވީ އާއި މިލަދޫ ސްކޫލަށް ޓީވީއަކާއި ދެ ކޮމްޕިއުޓާ ސިސްޓަމާއި ދެ ލެޕްޓޮޕް ހަދިޔާ ކޮށްފަ އެވެ.
ރަންދެލި ރިސޯޓުން ބުނިގޮތުގައި އޭނާ އަކީި ވަރަށް ގިނައިން އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓެކެވެ. އަދި އޭނާ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު އެ ރިސޯޓުގެ ސްޓާފުންނަށް ހާއްސަކޮށްގެން ފުޓުބޯޅަ މުބާރާތެއް ބާއްވާ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.
ވެލިދު އާއި މިލަދޫ ސްކޫލަށް ހަދިޔާ ކޮށްފައިވަނީ މިފަހަރު ބޭއްވި ފުޓުބޯޅަ މުބާރާތުގެ ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތައް ކަމަށް ވެސް ރަންދެލިން ބުންޏެވެ.
އާއްމުކޮށް ރާއްޖޭގައި ހިންގާ ރިސޯޓުތަކުން އެ އަތޮޅެއްގެ ރަށްތަކަށް އެހީވުމުގެ ގޮތުން ތަކެތި ހަދިޔާ ކުރެ އެވެ. ނަމަވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުން މިގޮތަށް ތަކެތި ހަދިޔާ ކުރަނީ ވަރަށް މަދުންނެވެ.