ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އޭނާގެ އަންހެން އެކުވެރިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޒުވާން ބަތަލާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އާލިއާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެ އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ޗުއްޓީ އަށް ރާއްޖެ އަށް އައިސްފައި މި ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިންގައި ވެސް އުޅެމުންނެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާ އިރު މި މަސް ނިމުމުގެ ކުރިން އާލިއާ އޭގެ ދެ ލަވައެއް ވެސް ޝޫޓްކުރާނެ އެވެ.
"ގަންގްބާއީ" ގެ އިތުރުން އާލިއާ މި ވަގުތު މަސައްކަތްކުރަމުން އަންނަ ޕްރޮޖެކްޓަތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ. "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރުގެ "އާރްއާރްއާރް" އަކީ މި އަހަރުގެ އޮކްޓޯބަރު 13 ގައި ރިލީޒްކުރަން މިހާރު ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
"ގަންގްބާއީ" އާއި "ބުރައްމަސްތުރާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އާލިއާ 2012 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ބުރައްމަސްތުރާ" އަކީ ލޯބިވެރިޔާ ރަންބީރް ކަޕޫރާ އެކު އާލިއާ ފެންނާނެ ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން މި ދެ ތަރިން މި އަހަރުގެ ތެރޭގައި ކައިވެނި ވެސް ކުރާނެ އެވެ.
އާލިއާ އެންމެ ފަހުގެ ފިލްމަކީ އޭނާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް މިދިޔަ އަހަރު ޑިޖިޓަލްކޮށް ރިލީޒްކުރި "ސަޅަކް 2" އެވެ.