ދިރާގުން ލޯންޗުކުރި އާ ޕްރޮމޯޝަންގައި ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ހިދުމަތް މިހާރު ބޭނުން ކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށެވެ. ހާއްސަ ޕޯޓަލެއް މެދުވެރިކޮށް އަންނަ އަހަރު ފެށުމުގެ ކުރިން ދިރާގާ ގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިއީ ދިރާގުގެ 35 ވަނަ އަހަރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ހޯދައިދެވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
މި އަގުހުރި އިނާމު ހޯދުމަށް ކަސްޓަމަރުންނަށް އިތުރު ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އަންނަ މަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާނެ ކަމަށެވެ.