ޓެސްލާ ކާރުގެ ނަސީބުވެރިޔާއޭ ދިރާގުން ރޭ ގުޅާފައި ބުނުމުން މުސްތަފާ މުހައްމަދު، 55، އަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ފުރަތަމަ ހީކުރީ ސްކޭމް ކޯލެއް ކަމަށެވެ. އިރުކޮޅަކުން އޭނާ ދަންނަ އެތައް ބައެއްގެ ކޯލު ފުލުފުލުގައި އަ އެވެ. ޓެސްލާގެ ނަސީބުވެރިއަކަށް ވީ އޭނާކަން ޔަގީންވީ އެ ހިސާބުންނެވެ.
"ފުރަތަމަ ގުޅާލީމަ ގަބޫލެއް ނުކުރަން. އެއީ މިހާރު ސްކޭމުް ކޯލުތަކާ އެއްޗެހި ކުރާތީ. ދެން އަޅުގަނޑު ބަލާލީ، ފޭސްބުކާ އެއްޗެހި. ދަންނަ މީހުންގެ ކޯލްތައް ލިބެން ފެށި. ދެން އެ ހިސާބުން އެނގިއްޖެ ލިބުުނުކަން،" މުސްތަފާ ބުންޏެވެ.
ތުލުސްދުއަށް އުފަން މުސްތަފަ ބުނީ ދިރާގުން މިހާތަނަށް ދިން އެންމެ އަގު ބޮޑު އިނާމު، ޓެސްލާގެ މޮޑެލް 3 ގެ ކާރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވީ އެއްވެސް ވަރަކަށް އެ އިނާމު ލިބޭނެ ކަމަކަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ.
ދިރާގުން މާ ދުރާލައި ތައްޔާރުވެ، އީދު ޝޯގައި އިނާމު ދޭނެކަން އިއުލާންކުރި ނަމަވެސް މުސްތަފާ އީދު ބަންދަށް ރަށަށް ދިޔައީ، އެ ކަހަލަ ނަސީބެއްގައި ދުވަހަކު ވެސް އޭނާގެ ނަން ލައްވާނުލާތީ އެވެ.
ހުޅުމާލޭގައި ގުރުއަތުލުން ކުރިއަށް ގެންދިޔަ ސަރަހައްދަށް އައުމަށް ދިރާގުން އޭނާއަށް ރޭ ގުޅައި އެދުނެވެ. އެކަމަކު އީދު ބަންދަށް މިވަގުތު އޭނާ ރަށުގައި ހުރުމުން ނުދެވުނީ އެވެ. ޓެސްލާގެ ގުރުއަތަށް ފަހު، ދިރާގުން ވީޑިއޯ ކޯލެއް މުސްތަފާއަށް ކުރަން ބޭނުންވި ނަމަވެސް ފުލުފުލުގައި އަންނަން ފެށި ކޯލުތަކުގެ ސަބަބުން، ދިރާގަށް މުސްތަފާއާ ރޭގައި ފަހުން ނުވެސް ގުޅުނެވެ.
މުސްތަފާ ބުނީ، ރާއްޖެއަށް މޯބައިލް ތައާރަފް ކުރި ފަހުން އޭނާ އަކީ ދިރާގުގެ ކަސްޓަމަރެއް ކަމަށެވެ. އޭރުއްސުރެން ގެންގުޅެނީ ވެސް ނަސީބުގައި ހޮވުނު ނަންބަރެވެ. އެ ނަންބަރު އޭނާ ގެންގުޅޭތާ 20 ވަރަކައަށް އަހަރު ވެއްޖެ އެވެ.
"ރާއްޖެއަށް މޯބައިލް ތައާރަފްވި އިރު އަޅުގަނޑު ނެގި ނަންބަރު މިއީ. ހަމަ އެ ނަންބަރަށް މި ގުރުއަތުގައި ހޮވުނީ،" އޭނާ ބުންޏެވެ
މުސްތަފާ މަސައްކަތް ކުރަނީ ކަސްޓަމްސް އޮފިސަރެއްގެ ގޮތުގަ އެވެ. އޭނާ މާލޭގައި ވަޒީފާ އަދާކުރި ނަމަވެސް، އާއިލާ ދިރިއުޅެމުން އަންނަނީ، ރަށުގަ އެވެ. ތިން ކުދިންނާ އެކު އާއިލާގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސަނީ އޭނާއަށް ލިބޭ މަހު މުސާރައިންނެވެ.
ދިރާގުން ދިން ޓެސްލާއާ މުސްތަފާއެއް އަދި ހަވާލެއް ނުވެ އެވެ. އެހެންވެ، އެ ކާރަށް ހަދާނެ ގޮތަކާ މެދު ވެސް އޭނާ އަދި ނުވިސްނަ އެވެ. މީގެ ކުރިން އޭނާ އަކީ ކާރު ދުއްވި މީހެއް ނޫނެވެ. އެކަމަކު ކާރު ލައިސަންސް އޭނާ އޮތީ މާކުރިން ނަގައިފަ އެވެ.
"ވަކި ގޮތެއް ނުނިންމަން. ވިއްކާލާނީތޯ ދުއްވާނީ ނުނިންމަން. މީގެ ކުރިން ދުވަހަކު ވެސް ކާރެއް ނުދުއްވަން. އެކަމަކު އޮންނާނެ ލައިސެންސް،" އޭނާ ބުންޏެވެ.
ދިރާގުން ދޭ ޓެސްލާ ކާރުގެ އަގު ދުނިޔޭގެ ބާޒާރުގައި އުޅެނީ 600،000ރ. އާއި 700،000ރ. އާ ދެމެދުގެ އަގެއްގަ އެވެ.
"ފުދޭ ވަރެއްގެ ބަދަލެއް ދިރިއުޅުމަށް ގެނެވިދާނެ އެއްޗަަކަށް ވާނެ. ދެން އަޅުގަނޑު އެކަމާ އެހާވަރަކަށް އަދި ނުވިސްނަން،" އޭނާ ބުންޏެވެ.
މިއީ މުސްތަފާގެ ހަޔާތުގައި ވެސް ލަކީ ޑްރޯއެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. އޭނާ ހުރީ މިފަދަ އަގު ހުރި އިނާމެއް ލިބުނީީތީ ވަރަށް ބޮޑަށް އުފަލުންނެވެ.
ދިރާގުން "ވިން އަ ޓެސްލާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަން މުސްތަފާ ކާމިޔާބުކުރި އިރު އެ ޕްރޮމޯޝަން ދިރާގުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ޓެސްާލާގެ ނަސީބުވެރިޔަކަށް މުސްތަފާ މިވީ އެ ކާރު ގުރުއަތުން ލައްވާލަފާނެ ކަމުގެ އުއްމީދުގައި އެތައް ބަޔަކު ތިއްބަ އެވެ. އަގު ބޮޑު ކާރެއްގެ އުއްމީދު މުސްތަފާ ނުކުރި ނަމަވެސް ޓެސްލާއެކު އެ އާއިލާއަށް ވެސް ލިބުނީ ބޮޑު އުފާވެރިކަމެކެވެ.
މި އީދުގައި އޭނާވީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ނަސީބުވެރިޔާއަށެވެ.