ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށް، 5،000ރ. އަށް ވުރެން މަދުން ލިބޭ މީހުންނަށް ސަރުކާރުން ދޭ ހަމަޖެއްސި "އިންކަމް ސަޕޯޓް އެލަވަންސް" އަށް އެދި ފޯމު ހުށަހަޅަން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުން މި އެލަވަންސް ދޭން ނިންމާފައި ވަނީ އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށެވެ. އާމްދަނީގެ ގޮތުގައި 5،000ރ. ނުލިބޭ މީހުން ރަޖިސްޓްރީ ވާން ޖެހެނީ ޖޮބްސެންޓަރުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އެޕްރީލް މަހުގެ އެލަވަންސަށް މި މަހުގެ 30ގެ ކުރިން ޖޮބްސެންޓަރަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މެއި މަހުގެ އެލަވަންސަށް ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އަދި ޖޫން މަހުގެ އެލަވެންސަށް އެދި ޖުލައި މަހުގެ ހަތެއްގެ ކުރިން ފޯމު ލާން ޖެހެ އެވެ.
މި އެލަވެންސަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ "ޖޮބްސެންޓާޑޮޓްއެމްވީ" މެދުވެރިކޮށް އޮންލައިން ކޮށެވެ. އޮންލައިންކޮށް ފޯމު ފުރިހަމަ ނުކުރެވޭ މީހުން އެޕްލިކޭޝަން ފޯމު ފުރުމަށް ފަހު ޖޮބްސެންޓަރަށް އީމެއިލްގެ ޒަރީއާއިން ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި އާމްދަނީއަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ.
މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވެންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ އެވެ.