ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވެންސް" ދިނުމުގެ އުސޫލު މިއަދު އާއްމުކޮށްފި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ގެޒެޓްކުރި މި އުސޫލުގައި ބުނެފައިވާގޮތުގައި އާމްދަނީ އަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވެންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ އެވެ.
ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
މި ފުރުސަތުގައި އެހީ އަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އަންގަން ޖެހޭނެ އެވެ. މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް މިނިސްޓްރީ އަށް ލިބިގެންވެ އެވެ.
ރާއްޖޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވާއިރު ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި މިހާލަތުން އަރައިގަނެވޭ އިރު ދުނިޔޭގެ އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ތަޖުރިބާކާރުން ވެސް ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގައި ވަޒީފާއިން ވަކި ކުރި މީހުންނާއި ނޯޕޭއަށް ފޮނުވާފައިތިބި މީހުންގެ ތެރޭގައި ގިނައީ ޓުރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.