ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޯޓު އިންޓަނޭޝަނަލް އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި އެވެ.

ނޯޓުން ވަނީ އެ ބްރޭންޑުގެ އުފެއްދުންތައް ހިމަނައިގެން ހަދާފައިވާ 540 ގިފްޓްޕެކް 18 ސްކޫލެއްގެ ޓީޗަރުންނަށް ހަދިޔާކޮށްފަ އެވެ. މިއީ ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެ ޓީޗަރުން ކުރާ މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ނޯޓުގެ ރާއްޖޭގެ ޗީފް މާކެޓިން އިސްމާއިލް އަޒްމީ ވިދާޅުވި އެވެ.

ނޯޓުން ވަނީ މި ހަދިޔާތަކާ އެކު ޓީޗަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކާޑުތައް ވެސް ބަހައިފަ އެވެ. މި ކާޑުގައި ޓީޗަރުންނަށް ހިތްވަރު ދިނުމުގެ މެސެޖްތަކާއި މުޖުތަމައަށް ޓީޗަރުންގެ ހުރި މުހިންމު ކަން ހާމަކޮށްދޭ މެސެޖުތައް ހިމަނާފައިވާ ކަމަށް އަޒްމީ ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ނޯޓު ކޮސްމެޓިކްސް އިން ހަދިޔާ ދިން ބައެއް ޓީޗަރުން-- ފޮޓޯ: ނޯޓް
ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ނޯޓު ކޮސްމެޓިކްސް އިން ހަދިޔާ ދިން ބައެއް ޓީޗަރުން-- ފޮޓޯ: ނޯޓް

ނޯޓް ކޮސްމެޓިކްސް އިން އަންނަނީ ތަފާތު އެކި ކަންކަމުގައި މީހުންނަށް އެހީވުމުގެ ގޮތުން ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި އެކިއެކި އިވެންޓްސްތައް ސްޕޮންސާ ކުރުމާއި، އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެ އެވެ.

ނޯޓް އަކީ މިހާރު ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަގުބޫލު މޭކަޕް ބްރޭންޑެވެ. މި ބްރޭންޑުގެ މޭކަޕް އުފައްދަނީ ދިވެހިންގެ ހަމާ ގުޅޭ ގުދުރަތީ މާއްދާތަކުންނެވެ.

ނޯޓް ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކުރަނީ ނިއު އެޑިޝަނުންނެވެ.