ބްރައިޑް މޯލްޑިވްސް އިން އަންނަ އަހަރު ބާއްވާ ބްރައިޑަލް ފެއާގެ ޓައިޓަލް ސްޕޮންސަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބްރައިޑް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝާފީ އެވެ. ނޯޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޯޓް ކޮސްމެޓިކްސް އަދި ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސާ އިސްމާއިލް އަޒްމީ އެވެ.

ބްރައިޑްސް މޯލްޑިވްސްގެ ސީއީއޯ ޝާފީ ވިދާޅުވީ މީގެ ކުރިން ތަފާތު ބްރޭންޑުތަކާއެކު މަސައްކަތް ކުރި ނަމަވެސް މިދިޔަ އަހަރުން ފެށިގެން ނޯޓާ އެކު މަސައްކަތްކުރަން ބޭނުންވި ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ނޯޓުގެ ފުރިހަމަ އެއްބާރުލުން އެ ފެއާއަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"2018 ވަނަ އަހަރުގެ ފެއާގައި އަޅުގަނޑުމެންގެ ޑިޒައިނަރަކު ނޯޓް ބޭނުންކުރުމުން ވަރަށް ބޭނުންވި ނޯޓާއެކު މަސައްކަތް ކޮށްލަން. މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ނޯޓްގެ ފުލް ސަޕޯޓް ލިބޭނެ،" ޝާފި ވިދާޅުވި އެވެ.

ނޯޓް ގެ ޗީފް މާކެޓިން އޮފިސާ އަޒްމީ ވިދާޅުވީ ނޯޓް ގެ މަގުސަދަކީ އަންހެނުންނަކީ ކެރޭ، އަމިއްލަ ނަފްސު ދެކެ ލޯބިވާ ބަޔަކަށް ހެދުން ކަމަށެވެ. އެހެންކަމުން ބްރައިޑް މޯލްޑިވްސްއާ ގުޅިގެން މި އަމާޒަށް ވާސިލް ވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ނިއު އެޑިޝަން އެވެ.