ޕާސަނަލް ކެއާ އާއި ރީތިވާ ސާމާނަށް ހާއްސަކޮށްގެން، ލައިފް ސަޕޯޓްގެ އާ ފިހާރަ، ސަފާޔާ މާލޭގައި ހުޅުވައިފި އެވެ.

ސޯސަން މަގުގައި ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ފާމަސީއަކުން އާންމުކޮށް ލިބޭ އުފެއްދުންތަކުގެ އިތުރުން ތިމާގެ ޕާސަނަލް ކެއާއަށް ބޭނުންވާ ތަފާތު އުފެއްދުންތައް ވެސް ސަފާޔާ އިން ލިބޭނެ އެވެ.

ލައިފް ސަޕޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫން ވިދާޅުވީ ރީތިވާ ސާމާނުގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އުފެއްދުންތައް ވެސް އެތަނުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނަށް ބޭނުންވާ ހައިޖީން ޕްރޮޑަކްޓްތަކާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ދަ ބޮޑީ ޝޮޕް، ބާތު އެންޑް ބޮޑީ ވޯކްސް، ވިކްޓޯރިއާ ސީކްރެޓް، މެކް އަދި ފެންޓީ ބިއުޓީގެ އުފެއްދުންތައް ވެސް އެ ފިހާރައިން ލިބޭނެ ކަމަށެވެ.

ރީތިވާ ސާމާނުގެ އިތުރުން ކުޅިވަރު ކުޅޭ މީހުންނަށް ބޭނުންވާ ސޭފްޓީ ގާޑު ފަދަ އެއްޗެހި ވެސް ލިބެން ހުރެ އެވެ.

"އާންމުކޮށް ރަނގަޅު ސޭފްޓީ ގާޑެއް ބޭނުން ނަމަ ޖެހޭނީ ކުޅިވަރަށް ހާއްސަ ފިހާރައަކަށް ދާން. އެކަމަކު ބޭސް ލިބޭ ތަނަކުން އެތަކެތި ލިބޭ ނަމަ ފަސޭހަ ވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

ލައިފް ސަޕޯޓުން ގެންދަނީ ބައެއް ބްރޭންޑްތައް ރާއްޖޭގައި ޑިސްޓްރިބިއުޓް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ހައިޖީން ޕްރޮޑަކްޓްސް އުފައްދާ ބްރޭންޑް ކަމަށްވާ ބެލާ އާއި ބޮޑެތި މީހުންނަށް ބޭނުންވާ ސެނީ ނެޕީ ހިމެނެ އެވެ.

"އެއީ މާކެޓުގައި އެންމެ ކަމުދާ އެއް ބާވަތުގެ ބޮޑެތި މީހުންގެ ނެޕީ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ގޭގައި ބޭނުންކުރެވޭނެ ތަފާތު މެޑިކަލް އުފެއްދުންތައް ވެސް ސަފާޔާ އިން ވިއްކާނެ އެވެ. އޭގެ ތެރޭގައި ނެބިއުލައިޒާސް އާއި ސްޓީމާސް ފަދަ ތަކެތި ހިމެނެ އެވެ.

ލައިފް ސަޕޯޓަކީ 2011 ވިޔަފާރި ފެށި ކުންފުންޏެވެ. އެތަނުން ފަސް ފިހާރައެއް ހިންގަ އެވެ. އޭގެ ތެރެއިން އެއް ފިހާރަ ހުންނަނީ އައިޖީއެމްއެޗުގަ އެވެ. އަދި ފ. ނިލަންދޫގައި ވެސް ފިހާރައެއް ހިންގަ އެވެ.