މި އަހަރުގެ ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން، ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ޚާއްސަ ޕްލޭނެއް އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.
އުރީދޫން ބުނީ، އެ ޕްލޭންގެ ބޭނުމަކީ ޑޮކްޓަރުންގެ މެދުގައި ޓްވިޓާ އާއި ވައިބާ ހިލޭ ބޭނުންކޮށް، އަދި އެންމެ ގިނައިން ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތަކަށް ހިލޭ ވަނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަަށެވެ.
ހިލޭ ގުޅައިލެވޭ ޕްލޭނާއި ހިލޭ ޑޭޓާ ބޭނުން ކުރެވޭ މި ޕެކޭޖު ޑޮކްޓަރުންނަށް ތައާރަފުކުރީ އުރީދޫ އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ. މިކަމާ ގުޅޭ އެއްްބަސްވުމުގައި، ޑޮކްޓަރުންގެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދެވެ. އުރީދޫން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ތަވަބަލަން ޕޫބަލަސިންގަމެވެ.
އުރީދޫން ބުނިގޮތުގައި، ޑޮކްޓަރުންގެ ޚާއްސަ ޕްލޭނަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން މުހިއްމު ދައުރެއް އަދާކުރާ އިރު މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް އެއްބާރުލުން ދޭނެ ކަމަށެވެ.
އުރީދޫން ތައާރަފުކުރި، ޑޮކްޓަރުންގެ ޚާއްސަ ޕެކޭޖު ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޑޮކްޓަރުންނަށް ލިބޭނެ އެވެ. މި ޕެކޭޖު ނެގުމުން، އެ ޕެކޭޖު ބޭނުންކުރާ ހުރިހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ކޯލެއް އަދި އެސްއެމްއެސް ވެސް ހިލޭ ކުރެވޭނެ އެވެ.
ޕްލޭންގެ މުހިއްމު ޚިދުމަތްތައް:
- އުރީދޫ ކްލަބް ޕްރިމިއާގެ ފައިދާތައް ލިބޭނެ.
- 4ޖީ+ ނެޓްވޯކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބުން،
- ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރެވޭނެ.
- ކޮޗްރޭން އާއި ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރެވޭނެ.