އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ލިބޭ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދީފި އެވެ.
އުރީދޫ އިން ބުނީ، މީގެ ތެރޭގައި ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތައް އިހްތިޔާރު ކުރެވިގެންދާނެ ކަމަށެވެ. އުރީދޫގެ ބިލަށް ފައިސާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އެމް-ފައިސާގެ ޚިދުމަތްތައް ހޯދުން ވެސް ހިމެނޭ ކަމަށް އުރީދޫ އިން ބުނެ އެވެ.
ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްރަށާއި، ސުޕަނެޓްގެ ޚިދުމަތްތައް ވެސް އުރީދޫގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އުރީދޫ އިން ވަނީ ފަހިކޮށްދީފަ އެވެ. ހުރިހާ ފިހާރަތަކުން ވެސް އުރީދޫގެ ޚިދުމަތްތަކާއި ބިލްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، ކަސްޓަމަރުންގެ ސުވާލުތަކަށް ވަރަށް ގާތުން ޖަވާބުދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވީ، އުރީދޫގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް ހޯދުމުގެ ފުރުސަތު ފަހި ކުރެވިފައިވާ ކަމަށެވެ. ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށް އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބިގެންދާ ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަމާނީ ޓެކްނޮލޮޖީތަކާއި، އީޖާދީ ޚިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާ އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއް ވެސް އިތުރަށް ފުރިހަމަކޮށް ދިނުމަށް،" ނަޖީބު ވިދާޅުވި އެވެ.
އުރީދޫ އިން ރާއްޖޭގައި ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ވަނީ މުޅި ރާއްޖެއަށް 4ޖީ ނެޓްވޯކް ފޯރުކޮށްދީފަ އެވެ.