މޯލްޑިވްސް ކޮންޒިއުމާ ފެއާ (އެމްސީއެފް) މިއަދު އާޓްގެލެރީގައި ފަށައިފި އެވެ. މި ފެއާ އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ކޮންމެ ގަޑިއިރަކުން އެއް ފަހަރު ގުރުއަތު ނަގައި އިނާމު ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ގޭތެރޭ ހިފައިގެންގުޅޭ ސާމާނުން ފެށިގެން ގޮސް، ފުޑް އެންޑް ބެވަރޭޖްގެ މަޝްހޫރު ސާމާނުތައް މި ފެއާގައި 11 ކުންފުންޏަކުން މި އަހަރު ދައްކާލަ އެވެ. އަދި އެ ކުންފުނިތަކުން އާ ބައެއް ސާމާނު ވެސް ފެއާގައި ތައާރަފް ކުރާނެ އެވެ.

"އަޅުގަނޑުމެން މައިގަނޑު ގޮތެއްގަ ފޯކަސް ކުރާ ކަމަކީ ވީހާވެސް ރަނގަޅު ޕްރޮމޯޝަން އަކާއި އެކު އާ އެއްޗެހިތަކެއް ތައާރަފްކުރެވޭތޯ ބެލުން. އެގޮތުން އަޅުގަނޑުމެންނާ އެކު ބައިވެރިވާ އެގްޒިބިޓަރުން ވަރަށް ރަނގަޅު ޕްރޮޑަކްޓް ރޭންޖެއް އެބަ ގެންގުޅޭ،" ފެއާ ބާއްވާ ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވި އެވެ.

ކޮންޒިއުމާ ފެއާގެ ތެރެއިން: ފެއާގައި ވިއްކާ ސާމާނު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ކޮންޒިއުމާ ފެއާގެ ތެރެއިން: ފެއާގައި ވިއްކާ ސާމާނު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މިދިޔަ އަހަރުގެ ފެއާ އަށް 7،000 މީހުން ޒިޔާރަތް ކުރި ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އަހަރުގެ ފެއާ އަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަަމަށެވެ. އަދި ފެއާ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި، ކޮންމެ ގަޑިއިރަކު ނަގާ ގުރުއަތުގައި ދޭނީ ފެންވަރު ރަނގަޅު އިނާމުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެއާ ހުޅުވައިދެއްވީ ފެއާގެ ގޯލްޑް ސްޕޮންސަރު، ބީއެޗްއެމްގެ ޕާޓްނަރެއް ކަމަށްވާ އައުލް އިންޓަނޭޝަނަލްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޓާން ސިން ކީ އެވެ.

ކޮންޒިއުމާ ފެއާގެ ތެރެއިން: ސްޓޯލްތަކުން ވެސް ޚާއްސަ ޕްރޮމޯޝަންތައް ހިންގާނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ކޮންޒިއުމާ ފެއާގެ ތެރެއިން: ސްޓޯލްތަކުން ވެސް ޚާއްސަ ޕްރޮމޯޝަންތައް ހިންގާނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ސްޓޯލް ތަކުގައި ހުންނަ ސާމާނު، ސީދާ އެ ތަނުން ގަނެވޭ ގޮތަށް ކުރިއަށް ގެންދާ ފެއާ، މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ކޮންމެ ދުވަހަކު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ފެއާ އަށް ވަދެވޭނެ އެވެ.

ބީއެޗްއެމް ފަދަ ބޮޑެތި ކުންފުނިތަކުން ބައިވެރިވާ ފެއާގައި ވިއްކާ ސާމާނު ވަނީ ވަރަށް ބޮޑަށް އަގު ހެޔޮކޮށްފަ އެވެ. އަދި ސްޓޯލްތަކުގައި ވިއްކާ ސާމާނު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ދެ އެވެ.

ކޮންޒިއުމާ ފެއާގެ ތެރެއިން: ބައެއް އާ ސާމާނު ވެސް ތައާރަފް ކުރަަން ވަނީ ހަމަޖެހިފައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ކޮންޒިއުމާ ފެއާގެ ތެރެއިން: ބައެއް އާ ސާމާނު ވެސް ތައާރަފް ކުރަަން ވަނީ ހަމަޖެހިފައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މޯލްޑިވްސް ނޭޝަނަލް ޗެންބާ އޮފް ކޮމާސް (އެމްއެންސީސީއައި) އާއި އިކޮނޮމިކް މިނިސްޓްރީން އެންޑޯޒް ކޮށްފައިވާ މި ފެއާ އަކީ، ކުންފުނިތަކުން ވިއްކާ ހުރިހާ ސާމާނެއް އެއްތާކުން ދައްކާލުމުގެ ފުރުސަތު ލިބިގެންދާ ފެއާ އެކެވެ.

އެންމެންނަށް ވެސް ހިލޭ ވަދެވޭގޮތަށް ހުޅުވާލައިގެން ބާއްވާ ފެއާގައި ކޮންމެ ރެއަކު ވެސް މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ. އެގޮތުން ކޮންޒިއުމާ ފެއާގެ ހަ ވަނަ ފެއާ ފެށިގެން ކުރިއަށް ދާއިރު، މަޝްހޫރު މިއުޒީޝަނުންގެ ހުށަހެޅުންތައް އޮންނާނެ އެވެ.