މޯލްޑިވްސް ކޮންޒިއުމާ ފެއާ (އެމްސީއެފް)ގެ މި އަހަރުގެ ފެއާ އަންނަ މަހުގެ 18 ވަނަ ދުވަހު އާޓް ގެލަރީގައި ބާއްވަން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ވިއްކާ، ގޭތެރޭ ހިފައިގެންގުޅޭ ސާމާނުން ފެށިގެން ގޮސް، ފުޑް އެންޑް ބެވަރޭޖް އަދި ފެޝަން އެންޑް ލައިފްސްޓައިލްގެ މަޝްހޫރު ސާމާނުތައް މި ފެއާގައި ދައްކާލާނެ އެވެ.
އެމްސީއެފް ބާއްވާ، މަޝްހޫރު އިވެންޓް އޮގަނައިޒާ ބްލަކް އިން ބުނީ، މި އަހަރުގެ ފެއާ ހަ ދުވަހަށް ދިގުދެމިގެން ދާނެ ކަމަށެވެ. ފުރަތަމަ ތިން ދުވަހު އޮންނާނީ ފުޑް އެންޑް ބެވަރޭޖް ޕްރޮޑަކްޓްތައް ދައްކާލުމެވެ. އަނެއް ތިން ދުވަހު އޮންނާނީ ލައިފްސްޓައިލް، އިލެކްޓްރޯނިކްސް އަދި އެހެން ކެޓަގަރީތަކުގެ ޕްރޮޑަކްޓްތައް ދައްކާލުމެވެ.
މޯލްޑިވްސް ނޭޝަނަލް ޗެންބާ އޮފް ކޮމާސް (އެމްއެންސީސީއައި) އާއި އިކޮނޮމިކް މިނިސްޓްރީން އެންޑޯޒް ކޮށްފައިވާ މި ފެއާ އަކީ، ކުންފުނިތަކުން ވިއްކާ ހުރިހާ ސާމާނެއް އެއްތާކުން ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެ ފެއާއެކެވެ.
އެންމެންނަށް ވެސް ހިލޭ ވަދެވޭގޮތަށް ހުޅުވާލައިގެން ބާއްވާ ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ފެއާގައި ދައްކާލާ ސާމާނުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ފުޑް އެންޑް ބެވަރޭޖް ޕްރޮޑަކްޓްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ފެއާ ކުރިއަށް ދާއިރު ސްޓޯލްތަކުން ކޮންމެ ގަޑިއިރަކު ހާއްސަ ގުރުއަތުލުންތައް ބާއްވައި، އިނާމުތައް ދޭނެ އެވެ. އަދި ކޮންމެ ދުވަހަކު ބޮޑު އިނާމެއް ވެސް ދޭނެ އެވެ.
"މިހާރު" އިން މީޑިއާ ޕާޓްނަރުކަން ނަގާފައިވާ އެމްއެންސީސީއައިގެ އެހެން ޕާޓްނަރުންނަކީ ޕްރިންޓް ލެބް، އިވެންޓް މޯލްޑިވްސް، ޝޭޑީ ކެބިން ރެންޓަލްސް އަދި އޭއެސްއޭޕީ އެވެ.