ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން ލޯނު ދޫކުރާ މީހުންގެ އުމުރު 75 އަހަރަށް މަތިކޮށްފި އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ލޯނު ލިބޭ މީހުންގެ އުމުރު 75 އަހަރާ ހަމައަށް މަތިކުރަން ބީއެމްއެލްގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަަމަށެވެ.

މިއީ ގެދޮރު ގަތުމާއި އެފަދަ އިތުރު ކަންތައްތައް ކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބެންކުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން 75 އަހަރަށް ވުރެ މަތީ އުމުރުގެ މީހުންނަށް ވެސް އާމްދަނީ ލިބޭ ނަމަ ކްރެޑިޓް ކާޑު ނެގޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބީއެމްއެލްގެ ލޯނު ލިބޭ މީހުންގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 60 އަހަރެވެ. 

މިއަދުގެ މީޑިއާ ބްރީފިންގައި ޝަރީފް ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ޑޮލަރުން ލޯނަށް ފައިސާ ދައްކަން ބޭނުންވާ މީހުންނަށް 1.5 ޕަސެންޓު ކުޑަކޮށް ލޯނަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް މި އިންތިޒާމުގެ ދަށުން، އެ ރޭޓުގައި ލޯނު ދެއްކޭނެ ކަމަށް ވިދާޅުވި އެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޝަރީފް ވަނީ ބޭންކުން މިހާރު ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި މިހާރު ވެސް ގިނަ ލޯނުތަކަކުން ލުއި ދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ގިނަ ލޯނުތަކުގައި ވަރަށް ބޮޑަށް ލުއި ދީފަ ވާނެ. ގެދޮރު އިމާރަތް ކުރުމާއި ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އެންމެ ކުޑަ ރޭޓު އަދި ކުޑަ އިކުއިޓީ ވެސް ދެނީ ބެންކުން [ބީއެމްއެލް] އިން. މިފަދަ އެކި ލުއިތައް ބޭންކުން ދަނީ ދެމުން،" ޝަރީފް ވިދާޅުވި އެވެ. 

ބީއެމްއެލްގެ މި އަހަރު ފުރަތަމަ ކުއާޓަރުގައި އަލަށް ދޫކުރި ލޯނާއި ފައިނޭންސިންގެ އަދަދު ފަސް ބިލިއަން ރުފިޔާއަށް އިތުރުކަމަށް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 50 ޕަސެންޓު އިތުރު އަދަދެކެވެ. ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ 28 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.