ބީއެމްއެލް އިން ޓީޓީ އަށް ޑޮލަރު ދޫކުރާ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޓީޓީއަށް ޑޮލަރު ދޫކުރުމަށް އޮންނަ އުސޫލަށް ބަދަލެއް ނުގެނައި ނަމަވެސް، ނަހަމަ ގޮތުގައި ބައެއް ވިޔަފާރިތަކުން އެ ހިދުމަތް ހޯދާކަން ފާހަގަވެފައި ވާތީ، ޓީޓީއަށް ޑޮލަރު ދޫކުރުމުގެ އުސޫލުތައް ކުރިއަށް ވުރެ ހަރުދަނާ ކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އޮންނަ އުސޫލުގެ ދަށުން 10،000 ޑޮލަރާ ހަމައަށް، ބޭނުންވާ ފައިސާގެ 50 ޕަސެންޓަށް ބީއެމްއެލްއިން ޑޮލަރު ސަޕޯޓް ދޫކުރަމުން އަންނައިރު، ބައެއް ވިޔަފާރިތަކުން ޓްރާންސެކްޝަންތައް އެކި ބައިބަޔަށް ބަހައިގެން އިތުރަށް ޑޮލަރު ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ޓީޓީތައް ބައިބަޔަށް ބަހައިގެން ފޮނުވުމަށް ފަހު ބޭރުން އިންވާޑް ރެމިޓެންސްގެ ގޮތުގައި ބޭރު ފައިސާ ގެނެސް އެ ފައިސާ ބްލެކް މާކެޓުގައި ވިއްކުމުގެ ފުރުސަތު ވެސް އޮވެ އެވެ. އަދި މިފަދަ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަކީ ބީއެމްއެލްގެ ޒިންމާއެއް ކަމަށާއި އެ ބޭންކުން މަސައްކަތް ކުރަނީ ހުރިހާ ވިޔަފާރިތަކަށް ވެސް ހަމަހަމަވާނެ އުސޫލުގެ މަތިން ޓީޓީއަށް ޑޮލަރު ދޫކުރުމަށް ކަމަށް ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ބޭނުންވާ އަދަދަށް ޓީޓީއަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ޓީޓީއަށް ޑޮލަރު ސަޕޯޓު ހޯދަން ބޭނުންވާ މޫހުންނަށް، ދަތި ކަމެއް ނެތި ޑޮލަރު ދޫކުރަމުންދާނެ ކަމަށެވެ.
ބީއެމްއެލް މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި އެ ބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ 142 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް 38،855 ޓީޓީ އަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި އެޕްރީލް މަހު އެކަނިވެސް 7،200 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް 27 މިލިއަން ޑޮލަރު ބީއެމްއެލުން ވިއްކި އެވެ.