ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަށް އަންގަވާފައިވާއިރު، އެކަން ކުރާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަދި ހަމަޖެހޭ އުސޫލަކުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް މިދިޔަ ހުކުރު ދުވަހު މިނިސްޓަރު ޒަމީރު ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރަން އަންގައިފަ އެވެ.
"މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި ފައިސާ ހަރަދު ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅު ކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރު ކުރެވުނު ކަންތައްތަކެކެވެ،" ފިނޭންސް މިނިސްޓްރީން މީޑިއާއާ އިއްޔެ ހިއްސާކުރި ލިޔުމެއްގައި ވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޒަމީރު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ކުންފުނިތައް ހިންގުމުގެ ސައިޒު ކުޑަކުރަން އެ ކުންފުންޏެއްގެ ހާލަތަށާއި މުވައްޒަފުންގެ އަދަދަށް ބަލާފައި 33 ޕަސެންޓު މުވައްޒަފުން ކަނޑާނުލެވިދާނެ ކަމަށެވެ. އޭގެ އެއް ކުންފުންޏެއްގެ ގޮތުގައި ޒަމީރު ދެއްކެވީ އައިލެންޑް އޭވިއޭޝަނެވެ.
"އައިއޭއެސްގައި ނުޖެހޭނެ އެހާ އަދަދަށް [މުވައްޒަފުން] މަދުކުރާކަށް. އެ އަދަދު މަދުކޮށްފި ކަމުގައި ވަނީ ނަމަ ކުންފުނި ނުހިންގޭނެ. ހަމަ އެއާ އެކު، އެބަހުރި ބައެއް ކުންފުނިތައް މި ދެންނެވި އުސޫލުން މަދުނުކުރެވޭނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ މުަވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރަން އެންގެވީ "މާދަމާ އިރުއަރަންވާއިރަށް މިވެނި ބަޔަކު ކަނޑާލާށޭ" ބުނާ އުސޫލަކުން ނޫނެވެ.
"ހަމަޖެހޭ އުސޫލަކުން އަދި އެމްޕްލޯއިމަންޓު ގާނޫނާ އެއްގޮތަށް އެކަންތައް ކުރަން އަޅުގަނޑު އަންގާފައި ވެސް އޮންނާނީ. މީހުންނަށް މީގެ ސަބަބުން އަންނާނެ، ވާނެ އުނދަގޫތަކަށް ބަލައިގެން އެ ކަންތައް ކުރަން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރާއިރު ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގުލަކަށް "އަޅުގަނޑުމެން ވަރަށް ސެންސިޓިވް" ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، ޕީސީބީގެ ރައީސް އަނަސް އަށް ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާ ކުރުމަށް މިނިސްޓަރު ޒަމީރު ބާރު އެޅުއްވި އެވެ. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ސިޓީގައި ބަޔާން ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ޕީސީބީގައި އެދުނީ ވަޒީފާ އަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާ ކުރުމަށެވެ. އަދި އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށް ވެސް ޕީސީބީ އަށް އިރުޝާދު ދިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.