ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަށް އިއްޔެ އަންގަވައިފި އެވެ.

މިނިސްޓަރު ޒަމީރު އެ ގޮތަށް އެންގެވީ ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގަ އެވެ.

"މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި ފައިސާ ހަރަދު ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅު ކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރު ކުރެވުނު ކަންތައްތަކެކެވެ،" ފިނޭންސް މިނިސްޓްރީން މީޑިއާއާ ހިއްސާކުރި ލިޔުމެއްގައި ވެ އެވެ.

"ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި އިތުރު ގަޑީގެ މަސައްކަތް ހަނިކުރުމާއި ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލް ކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ."

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ޕީސީބީގެ ރައީސް އަނަސް އަށް ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާ ކުރުމަށް މިނިސްޓަރު ޒަމީރު ބާރު އެޅުއްވި އެވެ. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ސިޓީގައި ބަޔާން ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފަ އެވެ،" އެ މިނިސްޓްރީގެ ލިޔުމުގައި ވެ އެވެ. 

ފިނޭންސް މިނިސްޓްރީން ޕީސީބީގައި އެދުނީ ވަޒީފާ އަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާ ކުރުމަށެވެ. އަދި އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށް ވެސް ޕީސީބީ އަށް އިރުޝާދު ދިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. 

"މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.