އުރީދޫން ބާއްވާ "ބޮކި ބޯޅަ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.
"ބަމްޕާ ފުޓުބޯޅަ" މުބާރާތުގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ފަށާ އެ މުބާރާތް ނިމޭނީ ހޮނިހިރު ދުވަހު އެވެ.
ޓީމުތަކަކަށް ބަހާލައިގެން ބާއްވާ މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް 8 ކުޅުންތެރިންނާއި މަދުވެގެން ތިން އޮފިޝަލުން ތިބެން ޖެހެ އެވެ. ކޮންމެ މެޗެއް ފެށުމަށް މަދުވެގެން ފަސް ކުޅުންތެރިން ޓީމެއްގައި ތިބެން ޖެހޭނެ އެވެ.
އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކޯޕަރޭޓްތަކުން އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ އެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް ހުށަހަޅާފައި ވަނީ 20،000ރ. އެވެ. ދެ ވަނަ ޓީމަށް 10،000ރ. އަދި ތިން ވަނަ ޓީމަށް 5000ރ. ދޭނެ އެވެ.
އުރީދޫން ބުނިގޮތުގަައި 12 ޓީމު ރަޖިސްޓަރީ ކޮށްފި ނަމަ މުބާރާތް ބާއްވާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ އަށް ހޮވޭ ޓީމެއް ސެމީ ފައިނަލަށް ދާނެ އެވެ.
މުބާރާތަށް 12 ގުރޫޕަށް ވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ ޓީމުތައް ހޮވާނީ ލަކީޑްރޯއިންނެވެ.
މުބާރާތުގެ ކޮންމެ މެޗެއްގެ ދިގުމިނަކީ 10 މިނިޓެވެ. އެ ކޮންމެ މެޗެއްގައި ވެސް ދެ ހާފާއި ތިން މިނިޓްގެ ބްރޭކެއް ހިމެނޭނެ އެވެ.
މުބާރާތުގައި ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެ ނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.
މުބާރާތް ބާއްވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެންނެވެ.