މާ ހޫނުކޮށް ސައި ބުއިމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ހަފުތާގައި އާންމުކުރި ދިރާސާ ރިޕޯޓެއްގައި ބުނާ ގޮތުން މާ ހޫނުކޮށް ސައި ބުއިމަކީ ބައެއް އާދަތައް ގެންގުޅޭ މީހުންނަށް އެސޮފެޖީލް ކެންސަރުގެ ނުރައްކާ އިތުރުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ރާ ބޯ މީހުން ހޫނު ސައި ބުއިމުން މި ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައިވާ ގޮތުން ސިނގިރޭޓް ބުއިމާއި ރާ ބުއިން އަދި ހޫނުކޮށް ކަޅުސައި ބޯ މީހުންނަށް އެސޮފެޖީލް ކެންސަރު ޖެހުމުގެ ނުރައްކާ، މި ކަންކަން ނުކުރާ މީހުންނާ އަޅާބަލާއިރު ފަސް ގުނަ އިތުރެވެ. ހަމައެކަނި ސައި ބުއިމަކުން ކެންސަރު ޖެހޭކަމަކަށް މާ ބޮޑަކަށް ފާހަގަ ކުރެވިފައި ނެތް ކަމަށް ރިޕޯޓު ބުނެ އެވެ.

"އަހަރެމެންގެ ހޯދުމުން ދެއްކީ ވަރަށް ހޫނުކޮށް ހުންނަ ސައި ބުއިމުން އެސޮފެޖީލް ނުރައްކާ ބޮޑުވަނީ ރާ ބޮއެ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކަމަށް،" ޗައިނާގެ ޕެކިން ޔުނިވަސިޓީ ސްކޫލް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ ޓައިމްސް ނޫހުގައި ބުނެފައިވެ އެވެ.

މި ހޯދުމުގައި ބަލާފައި ވަނީ ޗައިނާގެ ބޮޑެތި މީހުންގެ ތެރެއިން 456،000 މީހުންނެވެ. މިއީ އުމުރުން 30 އަހަރާއި 79 އަހަރާ ދެމެދުގެ ބައެކެވެ. ދިރާސާ ފެށިއިރު މީގެ ތެރެއިން އެއްވެސް މީހެއްގެ ހަށިގަނޑުގައި ކެންސަރެއް ނެތެވެ. ދިރާސާ ފެށިއިރު އެންމެންނާ ވެސް އެއް ސުވާލުތަކެއް ކުރި އެވެ. އެއީ ބަނގުރާ ބުއިމާއި ސިނގިރޭޓް ބުއިމުގެ އާދަ ހުރި ގޮތެއް ދެނެގަތުމަށެވެ. ދެން ސައިންސްވެރިން ވަނީ ނުވަ އަހަރު ވަންދެން މި މީހުންގެ ހާލަތު ބަލަމުން ގެންގޮސްފަ އެވެ. އަދި ނުވަ އަހަރު ވީއިރު އެސޮފެޖީލް ކެންސަރު ޖެހުނީ ކިތައް މީހުންނަށް ތޯ ވެސް ބެލި އެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 1،700 މީހުންނަށް ކެންސަރު ޖެހިފައިވެ އެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނީ ކޮންމެ ދުވަހަކު ވެސް ހޫނު ސައި ބޮއެ، ދުންފަތުގެ އިސްތިއުމާލުކޮށް އަދި ބަނގުރާ ބޮއެ އުޅުމަކީ އެސޮފެޖީލް ކެންސަރުގެ ނުރައްކާ އެންމެ މަތިވާ ސަބަބު ކަމަށެވެ. ކޮންމެ ދުވަހަކުވެސް ހޫނު ސައި ބޯ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ބަނގުރާ ބުއިން ފަދަ ދެ ކަމުން އެ ކަމެއް ކުރާ މީހުންނަށް ވެސް ފާހަގަކޮށްލެވޭ މިންވަރަށް ކެންސަރު ޖެހިފައިވާ ކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ނަމަވެސް އެ ތިން ކަންތައް ކުރާ މީހުންނަށް ޖެހޭ ވަރަކަށް ނޫނެވެ. ހަމައެކަނި ހޫނު ސައި ބޯ މީހުންގެ ކެންސަރުގެ ނުރައްކާ އިތުރުވި ކަމެއް ފާހަގަކުރެވިފައި ނެތް ކަމަށް މި ހޯދުމުގެ ރިޕޯޓުގައިވެ އެވެ.

މިއީ އޮބްޒަވޭޝަނަލް ސްޓަޑީއަކަށް ވާތީ ކަނޑައެޅިގެން މިކަން މިހެން ދިމާވާ ސަބަބު ބުނެދޭކަށް ނޭނގެ އެވެ. ނަމަވެސް މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިން ބޮޑަށް ލަފާކުރަނީ ހޫނު ސައިން އެސޮފެޖީލްގެ ބޭރު ފަށަލައަށް ގެއްލުންވެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާބުއިން ފަދަ ނުރައްކާތެރި އެހެނިހެން ކަންކަމުގެ ސަބަބުން އިތުރު ގެއްލުންތައް ލިބެނީ ކަމަށެވެ.

ހޫނު ސައި ބުއިމުން ކެންސަރުގެ ނުރައްކާ އިތުރުވާ އަނެއް ސަބަބަކަށް ރިސާޗަރުން ލަފާ ކޮށްފައިވަނީ ތަކުރާރުކޮށް ހޫނު ސައި ބުއިމުން އެސޮފެޖީލް އަށް ވާ ގެއްލުން އިތުރުވެ އިންފްލެމޭޓަރީ ކަމްޕައުންޑްސް އުފެދޭ ގޮތް ވުމެވެ.

ކުރިން ކޮށްފައިވާ ދިރާސާތަކާއި މި ދިރާސާގައި ފުށުންއެރުންތަކެއް އެބަހުއްޓެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2016 ގައި ބުނެފައިވަނީ ކޮންމެ ވައްތަރެއްގެ ހޫނު ބުއިމެއް ކަމަށް ވިޔަސް 149 ޑިގްރީ ފެރަންހައިޓަށް ވުރެ ހޫނުކޮށް ބުއިމަކީ އެސޮފެޖީލް ކެންސަރުގެ ނުރައްކާ އިތުރުވާނެ ކަމެކެވެ.

ނަމަވެސް ސަޔަކީ ކެންސަރާ ހަނގުރާމަކުރުމުގެ ގާބިލްކަން ހުންނަ އެއްޗެއް ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުގައިވެ އެވެ. ޚާއްސަކޮށް ގްރީން ޓީ އަކީ ކެންސަރުގެ ނުރައްކާ ދަށްކޮށްލާ އެއްޗެއް ކަމަށް ވަނީ ހާމަވެފަ އެވެ.

މި ނަތީޖާ މިގޮތަށް ނުކުމާ ގުޅިގެން ސައިންސްވެރިން މިހާރު ތައްޔާރުވަމުންދަނީ ހަމައެކަނި ހޫނު ސައި ބޮއެގެން އެސޮފެޖީލް ކެންސަރު ޖެހޭތޯ ޓެސްޓް ކުރުމަށެވެ.