މާލޭގެ ޕޭ ޓޮއިލެޓްތައް ހުރި އިމާރާތްތަކުގެ މަތީ ފްލޯގައި ކެފޭ ނުވަތަ އެހެން ވިޔަފާރިތައް ހިންގޭ ގޮތަށް، ޕޭ ޓޮއިލެޓްތައް އަމިއްލަ ހަރަދުގައި މަރާމާތުކޮށް ހިންގާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

ކައުންސިލުން އިއުލާންކުރީ މާލޭގެ ހަތަރު ސަރަހައްދެއްގެ އާއްމު ފާހާނާ ބަރިތައް ހުރި އިމާރާތްތަކާއި ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށެވެ. 

އެތަންތަން ހިންގާނެ ބަޔަކު ހޯދަން މިއަދު ބީލަން ހުޅުވާލާފައިވާ އިރު މައުލޫމާތު ސާފުކުރުން އޮންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލްގެ މީޓިން ހޯލުގައި އަންނަ ބުރާސްފަތިދުވަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. 

ކުއްޔަށް ދޫކުރަން އިއުލާންކުރީ 

  • ޕޭޓޮއިލެޓް 06 (އާއްމު ފާހާނާ އަތޮޅު ފިހާރަ ކައިރި) ހުރި ބިން
  • ޕޭޓޮއިލެޓް 07 ހުރި ބިން
  • އެމްއެމްއޭ ކައިރި ޕޭޓޮއިލެޓް ހުރި ބިން
  • ހެންވޭރު ޕޭޓޮއިލެޓް ހުރި ބިން  

ކައުންސިލުން ބުނީ އެ ތަންތަން ކުއްޔަށް ދޭން ނިންމާފައި ވަނީ އެ ތަން ހުންނަ އިމާރާތް އެއްކޮށް ކަމަށެވެ.

"އެއީ ތިރީގައި މި ހުންނަނީ ޕޭ ޓޮއިލެޓް. އިމާރާތުގެ މަތީގައި އެ ކުއްޔަށް ނަގާ ފަރާތުން ބޭނުމިއްޔާ ކެފޭއެއް ކަހަލަ ތަނެއް ވެސް ހިންގިދާނެ. ބިޑު ހުށަހަޅާ ގޮތަކުން ކައުންސިލުން ގޮތް ނިންމާނީ. މީގެ މާނައަކީ 10،12 ބުރިއަށް އެތަން ނެގުމުގެ ހުއްދަ ދޭކަށް ނޫން، އެކަށީގެންވާ ވަރަކަށް،" ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ކައުންސިލުން ނިންމާފައި ވަނީ ގަޑި ޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށްދާ މީހުންނަގެ އާންދާސީ ހިސާބު ބަލައި ނުގަތުމަށެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ކައުންސިލުން ވަނީ އަމީނީމަގުގައި ހުރި ބިން ނަންބަރު 13 ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށާއި ސިނަމާލެ 3 ގައި ހުރި ފިހާރަ ކުއްޔަށް ދޭން ނިންމައި ކުރިމަތިލާން ހުޅުވާލައިފަ އެވެ.