ބޮޑުތަކުރުފާނު މަގު ފުޅާކުރާއިރު ލޯކަލް މާރުކޭޓުގެ ޕޭވްމަންޓަށް އަރާ ސަރަހައްދުގައި ހުރި ގޮޅިތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މޭޔަރު އާދަމް އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމާ ގުޅިގެން އެ މަގާ އިންވެގެން ހުރި ލޯކަލް މާރުކޭޓު ސަރަހައްދުގެ ޕޭމަންޓަށް އަރާ 55 ގޮޅިއެއް އެމްއެމްއޭ އިމާރާތުގެ ފުރަގަހުގައި އާއި ހައި ކޯޓު ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގެ ވަގުތީ މާރުކޭޓުތަކަށް ބަދަލުކުުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. 

ލޯކަލް މާރުކޭޓާ ޖެހިގެން ހުރި ވަޅޯމަސް މާރުކޭޓުގައި 100 އެއްހާ ގޮޅި އެބަހުރި ކަމަށާއި އެ ގޮޅިތައް ބަދަލުކުރާނެ ތަނެއް ހަމަޖެހުމުން އެ ތަންތަން ވެސް ހުސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތައް ވަގުތީ މާރުކޭޓަކަށް ބަދަލުކޮށް އެތަން ހުސްކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތައް ވަގުތީ މާރުކޭޓަކަށް ބަދަލުކޮށް އެތަން ހުސްކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ބޭރުގެ މަގުގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދިއިރު ލޯކަލް މާރުކޭޓު ހުސްނުކޮށް ހުރުމުން އެ ސަރަހައްދުގެ ޕޭވްމަންޓްގެ މަސައްކަތް އޮތީ މަގު ހުޅުވާލިއިރު ވެސް ނުނިމި އެވެ.

ހައުސިން މިނިސްޓްރީން އޭރު ބުނީ އެ މަސައްކަތް ނުކުރެވުނީ ލޯކަލް މާރުކޭޓު ހުސްކޮށްދޭން ސިޓީ ކައުންސިލްގައި އެދިގެން ވެސް އެކަން ނުކޮށް އޮތުމުން ކަމަށެވެ. 

ސަރުކާރުން ވަނީ ލޯކަލް މާރުކޭޓު ހުސްކޮށް އެތަނުގައި ޒަމާނީ އާ މާރުކޭޓެއް އަޅަން ނިންމައިފަ އެވެ. އާ މާރުކޭޓެއް އަޅަން 127 މިލިއަން ރުފިޔާ އަށް މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ކިޔާ އަމިއްލަ ކުންފުންޏަކާ މިދިޔަ މާޗު ވަނީ ހަވާލުކޮށްފަ އެވެ. 

މި މަޝްރޫއުގެ ދަށުން ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އަޅާނެ އެވެ. އެ ތަނުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކުރާއިރު، ގްރައުންޑް ފުލޯގައި ހުންނާނީ މަސްމާރުކޭޓެވެ. ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާއިރު، ހަތަރު ވަނަ ފުލޯގައި ހިންގާނީ ފުޑް ކޯޓެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އާ މާރުކޭޓުގެ މަސައްކަތް ކުރަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގަ އެވެ. 

އެމްޓީސީސީ ހަވާލުކޮށްގެން ހަދަމުން އަންނަ ބޮޑުތަކުރުފާނުގެ މަގުގައި، ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ މަގު ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަގުގެ މަސައްކަތް ނިންމުމަށް ރަސްމީ ފާލަން ސަރަހައްދުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް އެ މަގު ބަންދުކޮށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަގު ފުޅާކުރަމުން އަންނަނީ ބަނދަރުން ބައެއް ހިއްކައި އެއްގަމު ތޮށި ބޭރަށް ޖައްސައިގެންނެވެ.