ކައިވެނި ރޫޅި، ދަރިންނާ އެކު ބިކަވެ ވަރަށް ހާލުގައި އުޅެން ޖެހިފައިވާ ކަމަށް ބުނެ ދޮގު ހަދައިގެން އޮންލައިންކޮށް ސަލާން ޖެހި އަންހެނަކު ޔޫއޭއީ އިން ހައްޔަރުކޮށްފި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ދުބާއީގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ބުނީ އަންހެން މީހާ އެތައް ބަޔަކަށް ދޮގު ހަދައިގެން 17 ދުވަހުގެ ތެރޭގައި 184،000 ދިރުހަމް (50،000 ޑޮލަރު) ހޯދާފައިވާ ކަމަށެވެ. އަދި މިކަން ކުރީ އިންސްޓަގްރާމާއި ފޭސްބުކާއި ޓްވިޓާ ފަދަ އެކައުންޓްތަކުގައި އޭނާއާ ބެހޭ ދޮގު މައުލޫމާތުގެ އިތުރުން ދަރިންގެ ފޮޓޯ ވެސް ހިއްސާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
ސީއައިޑީގެ ޑިރެކްޓަރު ބްރިގޭޑިއާ ޖަމާލް ސާލިމް އަލް ޖައްލާފް މީޑިއާތަކަށް ވިދާޅުވީ އަންހެން މީހާގެ މައްސަލަ މިހާތަނަށް ބެލިބެލުމުން އޭނާއަކީ ކައިވެނިކޮށްގެން ފިރިހެން މީހާއާ އެކު ދިރިއުޅޭ މީހެއްކަން އެނގިފައިވާ ކަމަށާއި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ވެސް ފިރިމީހާ ކަމަށެވެ.
"ފިރިހެން މީހާގެ އާއިލާގެ ބައެއް މީހުންނާއި ރައްޓެހިންނަށް އަންހެން މީހާ އަށް ޝައްކު ކުރެވިގެން އޭނާ އަށް ފިރިމީހާ ފާރަލަނިކޮށް މިކަން ކުރާކަން އެނގިގެން މައްސަލަ ފުލުހުންގެ އީ-ކްރައިމް ޕްލެޓްފޯމަށް ރިޕޯޓް ކުރީ،" ޖަމާލް ވިދާޅުވި އެވެ. "އެ ހިސާބުން ސީއައިޑީން ބެލި ބެލެމުން އޮންލައިންކޮށް ސަލާން ޖަހައިގެން އަންހެން މީހާ އެތައް ދިރުހަމެއް ހޯދާފައިވާކަން ވަނީ ފަޅާއަރާފައި."
އެ އަންހެން މީހާ އަކީ ގަލްފްގެ ގައުމެއްގެ ފިރިހެނަކާ އިނދެގެން އުޅޭ ބޭރު ގައުމެއްގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
"މި ފަހަކަށް އައިސް އޮންލައިންކޮށް ސަލާން ޖެހުމުގެ މައްސަލަތައް ވަރަށް ބޮޑު. ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ކަމަށް ބުނެ ނޫނީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް ބުނެ ނޫނީ ހާލުގައި ޖެހިފައިވާ ކަމަށް ބުނެ ދޮގު ހަދައިގެން މީސްމީހުންގެ ހަމްދަރުދީ ހޯދައިގެން ސަލާން ޖަހާ މައްސަލަތައް ފުލުހުންގެ އީ-ކްރައިމް ޑިޕާޓްމަންޓުން ވަރަށް ސީރިއަސްކޮށް އަބަދު ވެސް ބަލާ،" އޭނާ ވިދާޅުވި އެވެ.
ރޯދަ މަހުގެ ތެރޭގައި ދުބާއީގައި ސަލާން ޖަހައިގެން 128 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 85 ފިރިހެނުންނާއި 43 އަންހެނުންނެވެ.