އޮންލައިންކޮށް ގަންނަ އެއްޗެހި ލިބޭ އިރު، އޯޑަރުކުރި އެތި ނޫން މާ އާދަޔާހިލާފު އެއްޗެހި ލިބުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ ކިތަންމެ ކަމެއް އެމެޒޯނުން ވިޔަފާރިކުރާ ބައެއް މީހުން މިހާތަނަށް ތަޖުރިބާ ވެސް ކޮށްފައިވެ އެވެ.

މިއީ ވެސް އެމެޒޯމުން ގަތް އެއްޗެއްގެ ވާހަކަ އެވެ. ދުބާއީގެ އަންހެނަކު މިދިޔަ މަހުގެ ފަހުކޮޅު އޯޑަރުކުރީ ކަންފަތުގައި ޖަހާ އެއާޕޮޑަކަށެވެ. އެކަމަކު ލިބުނު އިރު، އޯޑަރުކުރި އެއާޕޮޑް ބޮލަށް ވުރެ ވެސް ބޮޑެވެ. ފެންނަ ފެނުމަށް އޭތި ވައްތަރީ ހެއާޑްރަޔަކާ އެވެ.

މި އާދަޔާ ހިލާފް އުފެއްދުން ލިބުނު މީހާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެއާޕޮޑްގެ ފޮޓޯ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އެމެޒޯނަކީ ކުރިން ވެސް މިފަދަ ކަންކަން ހިނގާ ތަނެއްކަން އެނގޭ ކަމަށެވެ. އެކަމަކު އޯޑަކުރި އެއާޕޮޑް އެހާ ބޮޑުވުމަކީ ލިބުނު ޝޮކެއް ކަމަށް ބުންޏެވެ.

"އެކަމަކު ދެން ކީއްކުރާނީ؟ މިކަން މިއޮތީވެފައި." އޭނާ ބުންޏެވެ. "އަހަރެން ވެސް ބުނާނީ މިއީ އެއާޕޮޑެއް ނޫނޭ، އެއާޑްރަޔާއެކޭ."

ފަސްދޮޅަސް ދެ ޑޮލަރު ދީފައި ގަތް މާސިންގާ އެއާޕޮޑް ބޭނުންކުރާނެ ގޮތެއް ނޭނގެ އެވެ. އަދި މި ވާހަކަ ހިއްސާކުރުމުން ޓްވިޓާގައި އެކި މީހުން އެކި ކަހަލަ މަޖާ ކޮމެންޓްތައް ވެސް ކޮށްފައިވެ އެވެ.

އެގޮތުން އޯޑަރުކުރީ ހަމަ ތިހާ ބޮޑު އެއާޕޮޑަކަށްތޯ އާއި ތިހާ ބޮޑު އެއާޕޮޑް އުފައްދާތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ. އަދި ބައެއް މީހުން ވަނީ ދެން ތި ބޭނުން ކުރާނީ ކޮން ކަމަކަށްތޯ ވެސް އަހައި، އެކި ކަހަކަ މީމްތައް ވެސް ހިއްސާކޮށްފަ އެވެ.