ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 17) - އަމިއްލަ ގައުމު ދެކުނު ކޮރެއާގެ ރައީސް ކަމަށް ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ދެއްވައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ބާންގެ ދައުރު މި މަސް ނިމުމާ އެކު ހަމަވާނެ އެވެ. މަގާމުގައި ހުންނަވައިގެން ދެއްވާ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ބާން ވިދާޅުވީ ކުޑަ ދުވަސްކޮޅަކު އަރާމުކޮށްލުމަށް ފަހު އެނބުރި ދެކުނު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގައުމަށް އެންމެ ރަނގަޅަށް ޚިދުމަތް ކުރެވޭނީ ކޮން ގޮތަކަށްތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ޝެޑިއުލްކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް އެ ގައުމުގެ ރައީސް ޕާކް ގެއުން- ހައިގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ޕާލަމެންޓުން ނަގާފައިވާތީ، ކުރިއަށް އޮތް ދެ މަސް ދުވަހު ތެރޭ ވެސް އިންތިޚާބެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. ޕާކުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަރުކާރުގައި ނުހިމެނޭ މީހެއްގެ ނުފޫޒު ވެރިކަމުގެ ތެރެއަށް މާބޮޑަށް ފޯރާފައިވާ މައްސަލަ ފަޅާ އެރުމުންނެވެ.
ޕާކުގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޗޮއި، 60، ވަނީ އޭނާގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުން އޭނާގެ ކޮންޓްރޯލް އޮންނަ ފައުންޑޭޝަންތަކަށް އެހީ ހޯދާ އަދި އަމިއްލަ ބޭނުމަށް ވެސް ސަރުކާރުގެ ތެރޭން ފައިސާ ހޯދައިފަ އެވެ. ޗޮއިގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިނާއީ ދައުވާ މި މަހު 20 ގައި ފަށާނެ އެވެ.
ޕާކުގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ތާއީދުކޮށްފި ނަމަ ޕާކު ވާނީ ދެކުނު ކޮރެއާގެ ޑިމޮކްރެޓިކް ހަޔާތުގައި މަގާމުގައި ހުންނަވަނިކޮށް ވެރިކަމުން ދުރުކުރާ ފުރަތަމަ ރައީސް އަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ނިންމާތާ ދެ މަސް ދުވަހު ތެރޭ އާ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ނަމަވެސް މި މައްސަލައިގައި ގޮތެއް ނިންމަން އެ ކޯޓަށް ހަ މަސް ދުވަހުގެ މުއްދަތު ލިބިގެންވެ އެވެ.