ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 16) - އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު އަންނަތަން ދެކެން ބޭނުންވާ ކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެ އެވެ.
ބާން ވިދާޅުވީ އދ.ގެ 70 އަހަރުގެ ތާރީޚުގައި ފިރިހެން އަށް ލީޑަރުންނަށް ފަހު އެ ޖަމާއަތުގެ ހިންގުމާ އަންހެނަކު ހަވާލުވާން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.
ބާންގެ ފަސް އަހަރުގެ ދެ ދައުރަށް ފަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރާ 11 ކެންޑިޑޭޓުންގެ ތެރޭގައި ފަސް އަންހެނުން ހިމެނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވާ ނަމެއް 15 މެންބަރުންގެ ސަލާމަތީ މަޖިލީހުން ކަނޑައެޅުމަށް ފަހު 193 ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީގެ ވޯޓަށް އަހާނެ އެވެ. އާ ސެކްރެޓަރީ ޖެނެރަލްގެ ނަން އިއުލާންކުރާނީ އަންނަ އޯޓަމްގަ އެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޮވާނީ ދުނިޔޭގެ އެކި ސަރަހައްދުތައް ރޮޓޭޓްވާ ގޮތަށެވެ.
އިރުމަތީ ޔޫރަޕާއި ރަޝިޔާ އިން ބުނެފައި ވަނީ އެ ސަރަހައްދަށް ނިސްބަތްވާ މީހަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިހާތަނަށް އަދާކޮށްފައި ނުވާތީ މި ފަހަރު ފުރުސަތު ދޭން ޖެހޭނީ އެ ސަރަހައްދަށް ކަމަށެވެ. ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މި ފަހަރު ވާދަކުރަނީ ލެޓިން އެމެރިކާ، ހުޅަނގު ޔޫރަޕް، އޮސްޓްރަލްއޭޝިއާ އަދި އިރުމަތީ ޔޫރަޕުންނެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަކި ބޭފުޅެއްގެ ނަނަ ބާން ވިދާޅުވީ ނަމަވެސް އޭޕީ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ފަހަރުގެ ކެންޑިޑޭޓުންގެ ތެރޭގައި ދުނިޔެ އަށް ބަދަލު ގެނެވިދާނެ ފަދަ ގާބިލް އަންހެން ލީޑަރުން ވެސް އެބަތިބި ކަމަށެވެ. އަދި ކޮންމެ ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވުނު ނަމަވެސް އެ މީހެއްގެ ޒިންމާ އަކަށްވާން ޖެހޭނީ ދުނިޔޭގައި ސުލްހަ ގާއިމްކޮށް ތަރައްގީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުން ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރަނީ އިރިނާ ބޮކޮވާ (ބަލްގޭރިއާ)، ހެލެން ކްލާކް (ނިއު ޒީލެންޑް)، ކްރިސްޓިނާ ފިގުއެރެސް (ކޮސްޓާ ރިކާ)، ނަޓާލިއާ ގެރްމަން (މޮލްޑޮވާ)، އެންޓޯނިއޯ ގުޓަރެސް (ޕޯޗުގަލް)، ވުކް ޖެރެމިޗް (ސާބިއާ)، ސުގްޖަމް ކެރިމް (މެސެޑޯނިއާ)، މިރޮސްލާވް ލަޖްކަކް (ސްލޮވޭކިއާ)، އިގޯ ލުކްސިޗް (މޮންޓެނީގްރޯ)، ސުސާނާ މަލްކޮރާ (އާޖެންޓީނާ) އަދި ޑެނީލޯ ޓާކް (ސްލޮވޭނިއާ) އެވެ.