ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިއަ އަހަރުގެ ސެކަންޑަރީ ބައިން އަޝްހާ އަލީ ވަހީދާއި ހަޔަ ސެކަންޑްރީ ބައިން އިޒްހަތު ޝަމީމު އެއްވަނަ ހޯދައިފި އެވެ.
އަޝްހާ އަކީ އޯ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން ދެ ވަނަ ހޯދި ދަރިވަރެކެވެ. އިޒުހަތު ވަނީ މި އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިފަ އެވެ.
މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރިމެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.
ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ފެންވަރު ރަނގަޅު ސްކޫލެއް ކަމަށާއި ރަށުން ބޭރު ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެއް ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ފާލެއް. މިއީ ސްކޫލެއްގެ ކާމިޔާބީ ދައްކުވައިދޭ ނިޝާނެއް. [އެއިން އެނގެނީ] ބަޔަކު މި ސްކޫލާ މެދު އިތުބާރުކުރާކަން،" އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހެނީ މައިން ބަފައިން ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދޭންވާ ސަމާލުކަމާއި ފަރުވާތެރިކަން ނުދެވިއްޖެ ނަމަ މައިން ބަފައިންނަށް އެވެވުނީ އެ ދަރިފުޅާ މެދު ވަރަށް ބޮޑު އިހުމާލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު 66 ދަރިވަރަން އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 12 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފަ އެވެ. އަދި މިއަހަރުގެ އޭލެވެލް އިމްތިހާނުގައި 52 ދަރިވަރުން ބައިވެރިވެ އޭގެ ތެރެއިން 10 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނޭ ފެންވަރަށް ފާސްވެފަ އެވެ.