ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު ރަމްޝާ އަބްދުއްރަހްމާނާއި ޝަމީލާ އަބްދުލް ޖަލީލް ރޭ ހޮވައިފި އެވެ.
އެ އަތޮޅު އޭދަފުށީގައި ހުންނަ ސްކޫލުގައި ބޭއްވި ޖަލްސާގައި، ސާނަވީ ބައިން އެއް ވަނަ ހޯދި ރަމްޝާ އަދި މަތީ ސާނަވީން އެއްވަނަ ހޯދި ޝަމީލާ އަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެވެ.
ރަމްޝާ ވަނީ މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ސްޓާ އަދި ތިން މާއްދާ އިން އޭ ހޯދައިގެން ރާއްޖޭގެ ގައުމީ ގަދަ 10 ގެ ހަތަރު ވަނަ ހޯދައިފަ އެވެ.
އޭ ލެވެލްގައި ތިން މާއްދާ އިން އޭ ސްޓާާ އަދި ދެ މާއްދާ އިން އޭ ހޯދައިގެން ޝަމީލާ ވަނީ ރާއްޖޭގެ ގަދަ 10 ގައި ތިން ވަނަ ހޯދައިފަ އެވެ. އޭނާ ވަނީ އެކައުންޓިން އިން ދުނިޔެ އިން އެއް ވަނަ އަދި ރާއްޖެ އިން އެއް ވަނަ ހޯދައިފަ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 73 ޕަސެންޓަށް އަރާ ކަމަށެވެ. އޭނާ ވިދާޅުވީ އޭ ލެވެލްގައި ވެސް ދަރިވަރުން ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ރަފީއު ވިދާޅުވީ އޭ ލެވެލްގައި ބިޒްނަސް އިން އެ ސްކޫލުގެ ހުރިހާ ދަރިވަރުން ފާސްވިއިރު އެކައުންޓިން އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ދުނިޔެ އިން އެއްވަނަ ހޯދާފައިވާ ކަމަށެވެ.
ޝަމީލާގެ އިތުރުން އެކައުންޓިން އިން ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހޯދީ އަހުމަދު އިޖުލާލެވެ. އޭނާ ވަނީ އިކޮނޮމިކްސް އިިން ވެސް ދުނިޔެ އިން ނުވަ ވަނަ ހޯދައިފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ސަރުކާރުން އަތޮޅުތެރޭގައި ހެދި އެންމެ ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ. ބ. ކޮމިއުނިޓީ ސްކޫލުގެ ނަމުގައި އެތަން ހުޅުވީ ފެބްރުއަރީ 24، 1979 ގަ އެވެ.