ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންތަކެއް ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމެއް ފުރިހަމަކޮށްފި އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މާލެ އާއި ހދ. ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ "ކެނޭޑިއަން ސްޕޭސް އެޖަންސީ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް" ފުރިހަމަ ކޮށްފައި ވަނީ 32 ދިވެހި ދަރިވަރުންނެވެ.

ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ސްޓެލްކޯގެ އިވެންޓް ހޯލްގައި އިއްޔެ ބޭއްވި އެވެ.

އެ ޕްރޮގްރާމުގައި ކިޔަވައިދިނީ ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ބަހައްޓާނެ ގޮތާއި، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ޓީމެއް ގޮތުގައި އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާނެ ގޮތެވެ.

އައިޖީއެސް އިން ބުނީ އެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް އަންނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާ، ނާސާގައި އިތުރު ތަމްރީން ހޯދުމުގެ ފުރުސަތު އެ އިންސްޓިޓިއުޓް އިން ފަހި ކޮށްދޭނެ ކަމަށެވެ.

އައިޖީއެސް އަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތް ކުރާ ހަމައެކަނި އިންސްޓިޓިއުޓް އެވެ. އެ އިންސްޓިޓުޓް އިން ވަނީ ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް އިފްތިތާހުކޮށް ފުރަތަމަ ޕްރޮޓޮޓައިޕް ސެޓަލައިޓްގެ މަސައްކަތް ފަށައިފަ އެވެ.