ހދ. ކުޅުދުއްފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހަދަން ނިންމައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބަލަހައްޓަމުން އަންނަ އެދުރުހިޔާ އިމާރާތުގައި އެ ކެމްޕަސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ.
ނުވަ ސަތޭކަ އަކަފޫޓުގެ ބޮޑު އެދުރުހިޔާ އަކީ މުހައްމަދު އަމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ކިޔަވައިދޭން ހެދި ތަނެކެވެ. ހަތަރު ކްލާސް ރޫމާއި އޮފީހެއް ހުންނަ އެ ތަން ފަހުން ބޭނުންކުރީ އަމީރުއަމީރު ޕްރީ ސްކޫލު ހިންގުމަށެވެ. ނަމަވެސް، އެ ޕްރީ ސްކޫލު ފަހުން އެހެން އިމާރާތަކަށް ބަދަލުކުރުމުން އެ އިމާރާތް ހުރީ ހުހަށެވެ.
ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް 25 އަހަރަށް އެދުރުހިޔާގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ތަރައްގީކުރަން ދިނީ ބިޑަކުން ކަމަށެވެ. އެ ފުރުސަތުގައި ތިން ފަރާތަކުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ވިލާ ކޮލެޖުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެދުރުހިޔާ އަކީ 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަނެއް. މިއޮތް ހުރިހާ ދުވަހު އެ ތަން ބޭނުންކުރީ ތައުލީމު ދިނުމަށް. އެހެންވެ ކައުންސިލުން ނިންމީ އެ ތަން އަނެއްކާ ވެސް ތައުލީމު ދޭން ދޫކުރުމަށް،" މުހައްމަދު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ނަޖީބު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ އިންޓޭކަށް އެ ތަން ތައްޔާރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ތަނުގައި 200 އެއްހާ ދަރިވަރުންނަށް، ގާތްގަނޑަކަށް ހަ ކޯހަކުން ފުރުސަތު ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ ކޯސްތަކަށް ދަރިވަރުން ލިބޭ ވަރަކުން ފައުންޑޭޝަނުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް ކުޅުދުއްފުށީގައި ހިންގާނެ ކަމަށެވެ. އަދި އެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ވެސް، މިދިޔަ ޖުލައި މަހުގެ ކުރީކޮޅު މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)އާ އެކު ވިލާ ކޮލެޖުން ހަދާފައިވާ ފައިނޭންޝަލް ޕްރޮޑަކްޓް ސްކީމުގެ ދަށުން ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކުޅުދުއްފުށީގައި ކެމްޕަހެއް ހުޅުވިގެން ދިއުމުން. އަމިއްލަ ރަށް އަދި އަތޮޅުގައި ތިބެގެން ޔޫކޭ ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވެގެން މިދަނީ،" ނަޖީބު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވިލާ ކޮލެޖުގެ ދެ ޕްރޮގްރާމެއް މިހާރު ވެސް ހިންގަ އެވެ. އެ ކޯސްތައް ހިންގަނީ އެ އަތޮޅު ކައުންސިލްގެ އިމާރާތެއްގަ އެވެ.
އައްޑޫ، ފުވައްމުލައް، އދ. މަހިބަދޫ، ބ. އޭދަފުށި، ޅ. ނައިފަރު އަދި ށ. ފުނަދޫގައި ވިލާ ކޮލެޖުގެ ކެމްޕަސްތައް މިހާރު ވެސް ހިންގަ އެވެ.