މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 12 އެތުލީޓުން މިއަދު ވާދަކުރާނެ އެވެ.

މުބާރާތުގައި ރާއްޖޭގެ އެތުލީޓުން އެއް ދުވަހެއްގައި އެންމެ ގިނައިން ވާދަކުރާނީ މިއަދު އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވެސް މިއަދު ވާދަކުރާނެ އެވެ. ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި 2019 ގައި ލޯ މެޑަލް ހޯދި ފަތުހުއްﷲ މުހައްމަދު ވެސް މިއަދު ޕާފޯމް ކުރާނެ އެވެ.

މުބާރާތުގައި އިއްޔެ ކުރިއަށް ދިޔައީ އަންހެން ކެޓަގަރީގެ އިވެންޓްތަކެވެ. އެ އިވެންޓްތައް ކުރިއަށް ގެންދިޔައީ ކްރޮސް ރޯޑްގަ އެވެ.

މުބާރާޓުގެ އިވެންޓްތަކުގެ ފުރަތަމަ ދުވަހުގެ އިވެންޓްތަކުގައި، މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން އޭނާ ރަން މެޑަލް ހޯދީ ގެ ފައިނަލުގައި އިންޑީއާ އާއި ޕާކިސްތާންގެ އެތުލީޓުން ފަހަތައް ޖައްސާލުމަށް ފަހު އެވެ.

މިއީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެ އިން ހޯދި ދެވަނަ ރަން މެޑަލެވެ. އެންމެ ފުރަތަމަ ރަންމެޑަލް ރާއްޖެ އިން ހޯދީ 2017 ގަ އެވެ. އަޒްނީންގެ ރަން މެޑައްޔާއެކު އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

އަޒްނީން ވަނީ މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދައިފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އުޒްބެކިސްތާންގައި ބޭއްވި މުބާރާތުގެ ފިޒިކް ސްޕޯޓްސް 175 ސީއެމް ކެޓަގަރީން އޭނާ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ފުރަތަމަ ދުވަހު ރާއްޖެއިން ޖުމުލަ ހަތަރު މެޑަލް ހޯދި އެވެ. މުހައްމަދު އިމްރާހް ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕް ޓު 175 ސީއެމުން ވެސް މެޑަލް ހޯދައިފަ އެވެ.

މިއަދުގެ އިވެންޓްތަކުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން

- މަނާފް ވަހީދު

- އަހްމަދު މައުޒު

- ހުސައިން ރިޔާޒު

- މުހައްމަދު ޒިދާން

- ވިރާމް އިސްމާއީލް

- ހުޝާމް ހަމީދު

- ހުސައިން ހިމްޔާން

- މުހައްމަދު މޫސާ (މޯޑް)

- މުހައްމަދު ރަޝީދު (ރަޗޭ)

- އަބްދުﷲ އަހްސަން

- ފަތުހުއްﷲ މުހައްމަދު

- އިބްރާހިމް ނަބީލް

އެންމެ ފަހުގެ މިސްޓަ މޯލްޑިވްސްގެ ޓައިލް ހޯދި، މުހައްމަދު ޔާމީން (ޔާމްބެ) ވާދަކުރާ އިވެންޓް އޮންނާނީ މާދަމާ އެވެ.