މެންޗެސްޓާ (މެއި 8) - މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ވިންގާ އެންތަނީ މާޝިއަލް ވިއްކާލަން ނިންމާފައިވާ ކަމަށާއި އެކަމަކު އިނގިރޭސި ކްލަބަކަށް އޭނާ ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވި ފަހުން އުމުރުން 22 އަހަރުގެ މާޝިއަލް އަށް ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ހޯދަން ވަނީ އުނދަގޫވެފަ އެވެ. އެހެންވެ މާޝިއަލް އަށް ފްރާންސް ގައުމީ ޓީމުން ޖާގަ ހޯދަން ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ދާދި ފަހުން މާޝިއަލްގެ އޭޖެންޓް ވަނީ ބުނެފަ އެވެ.

ލީގުގައި އެންމެ ފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިގައި މާޝިއަލް ވަނީ ހިމަނައިފަ އެވެ. އެ މެޗުން ޔުނައިޓެޑް ބަލިވިއިރު، މޮރީނިއޯ ވަނީ މެޗަށް ފަހު ޓީމުގެ ފޯވާޑުންނަށް ފާޑުކިޔައިފަ އެވެ. އަދި އަނިޔާގެ ސަބަބުން އެ މެޗުގައި ނުކުޅެވުނު ރޮމެލޫ ލުކާކޫ ނެތުމުން ޓީމުގެ ފޯވާޑް ލައިނުގައި ބޭނުންކުރި މާޝިއަލް އާއި މާކަސް ރެޝްފޯޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަން މޮރީނިއޯ ފާހަގަކުރި އެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މި ސީޒަނަށް ފަހު މާޝިއަލް ދޫކޮށްލަން ޔުނައިޓެޑުން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް މާޝިއަލް ޕްރިމިއާ ލީގުގެ ކްލަބަކަށް ނުވިއްކާނެކަން އޭނާގެ އޭޖެންޓަށް ވަނީ އަންގައިފަ އެވެ. މާޝިއަލް ހޯދަން އާސެނަލާއި ޓޮޓެންހަމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މާޝިއަލް ޔުނައިޓެޑަށް ސޮއިކުރީ 2015 ވަނަ އަހަރު އެވެ. ލުއީ ވެން ހާލް ޔުނައިޓެޑަށް އޭނާ ގަތީ މޮނާކޯ އަށް 36 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށް ފަހު އެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އިތުރު 22 މިލިއަން ޕައުންޑް ޔުނައިޓެޑުން ވަނީ މިދިޔަ ތިން އަހަރު ތެރޭ މޮނާކޯ އަށް ދައްކައިފަ އެވެ. އެއާ އެކު މާޝިއަލްގެ ޖުމްލަ އަގަކީ 58 މިލިއަން ޕައުންޑެވެ. މިއީ ޒުވާން ކުޅުންތެރިޔެއްގެ އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.