މެންޗެސްޓާ (ޖެނުއަރީ 1) – މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އަޑުއަހަންވީ އޭޖެންޓް ދައްކާ ވާހަކަ ނޫން ކަމަށާއި، އަޑުއަހަންވީ އޭނާ ދައްކާ ވާހަކަ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިދިޔަ އަހަރު ބޮޑު އަގެއްގައި ޔުނައިޓެޑާ ގުޅުނު މާޝިއަލް އަށް ފުރުސަތު ނުލިބޭތީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ވާހަކަ އޭނާގެ އޭޖެންޓް ވަނީ ދައްކައިފަ އެވެ. އެކަމަކު މާޝިއަލް ވަނީ ރޭ ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އަތުން ފަހަތުން އަރައި ޔުނައިޓެޑް 2-1 އިން މޮޅުވި މެޗުގައި ލަނޑު ޖަހައި މޮޅަށް ކުޅެފަ އެވެ. މިއީ މިދިޔަ ސީޒަނުގައި 17 ލަނޑު ޖެހި ފޯވާޑް މި ސީޒަނުގައި ޖެހި ފަސް ވަނަ ލަނޑެވެ.

"މަތީ ފެންވަރުގެ ކުޅުންތެރިތަކަށް ވެވިދާނެ ޝަރުތުތައް ފުރިހަމަވެފައިވާ ކުޅުންތެރިޔެއް އޭނާ އަކީ. މާޝިއަލް މެޗުގައި ކުޅެ ލަނޑު ޖަހައި ލަނޑު ޖަހަން މަގުފަހިކޮށްދިން. އޭނާގެ ހުރިހާ ކަމެއް ވަރަށް ޕޮޒިޓިވް. އަހަންނަށް އެނގޭ އޭނާ އަކީ އެންމެ މަތީ ފަންތީގެ ހުނަރުވެރިއެއްކަން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ހެންރިކް މިކިތާރްޔަންގެ ކިބައިން މާޝިއަލް މިސާލު ނަގަން ޖެހޭ ކަމަށެވެ. މިކިތާރްޔަން އަށް ވެސް މޮރީނިއޯ ފުރަތަމަ ފުރުސަތު ނުދެ އެވެ. އޭނާ އަށް ފުރުސަތު ލިބޭނީ ބުރަކޮށް މަސައްކަތްކޮށްގެން ކަމަށް ބުނުމުން މިކިތާރްޔަން ވަނީ އެކަން ސާބިތުކޮށްދީ ޓީމުން ޖާގަ ހޯދައިފަ އެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ތިން ގޯލް ޖެހި އެވެ.

"އަހަންނަށް އެނގޭ މިކިތާރްޔަން އަކީ ވެސް ހުނަރުވެރި ކުޅުންތެރިޔެއްކަން. އެކަމަކު އަހަރެން ފުރުސަތު ނުދެން (ވަކި ވަގުތެއް ޖެހެންދެއް). މާޝިއަލް ވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހަންވީ. އޭނާގެ އޭޖެންޓް ދައްކާ ވާހަކައެއް ނޫން. އަހަރެން ޕްރެކްޓިހުގައި ކިޔައިދޭ އެއްޗެހި އަޑުއަހައި ރަނގަޅުކުރަން ޖެހޭ ކަންކަން ކިޔައިދިނީމާ އަޑުއަހަންވީ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ކޮންމެ ދުވަހަކު ނޫސް ކިޔާއިރު ފެންނަނީ މާޝިއަލް ކޮންމެވެސް ކްލަބަކަށް ބަދަލުވާން އުޅޭ ވާހަކަ ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނެވޭނީ މާޝިއަލް އަށް ކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑުގައި މަސައްކަތްކުރި އެއިޓާ ކަރަންކާ ކޯޗުކޮށްދޭ މިޑްލްސްބަރާ އިން ވަނީ ރޭގެ މެޗުގައި ޔުނައިޓެޑުގެ މައްޗަށް ލީޑު ނަގައިފަ އެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗުގެ 85 ވަނަ މިނެޓުގައި މާޝިއަލް ޔުނައިޓެޑަށް އެއްވަރުކޮށްދިން އިރު މޮޅުވީ އޭގެ މިނެޓެއް ފަހުން ޕައުލް ޕޮގްބާ ޖެހި ގޯލުންނެވެ.