ލަންޑަން (އޭޕްރިލް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ބާންލީ އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެންތަނީ މާޝިއަލް ޖެހި ގޯލާ އެކު ޔުނައިޓެޑުން މޮނާކޯ އަށް 8.3 މިލިއަން ޕައުންޑް ދައްކަން ޖެހިއްޖެ އެވެ.
ޔުނައިޓެޑުން 2015 ވަނަ އަހަރު މާޝިއަލް ގަތީ މޮނާކޯ އަށް 36 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑުން މޮނާކޯއާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތުން ވަކި ކަންތައްތަކެއް މާޝިއަލް ޔުނައިޓެޑުގައި ހުރެ ހާސިލްކޮށްފިނަމަ ޔުނައިޓެޑުން އިތުރު 26.8 މިލިއަން ޕައުންޑް މޮނާކޯ އަށް ދައްކަން ޖެހޭނެ އެވެ.
އެއްބަސްވުމުގައިވާ ގޮތުން މާޝިއަލް ޔުނައިޓެޑަށް 25 ގޯލު ޖަހައިފިނަމަ ޔުނައިޓެޑުން މޮނާކޯ އަށް 8.3 މިިލިއަން ޕައުންޑް ދައްކަން ޖެހެ އެވެ. މާޝިއަލް ބާންލީ ކޮޅަށް ޖެހި ލަނޑަކީ އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން 25 ވަނަ ލަނޑެވެ.
މީގެ އިތުރުން މާޝިއަލް ޔުނައިޓެޑުގައި ހުރެ ފްރާންސް ގައުމީ ޓީމަށް 25 މެޗު ހަމަކޮށްފިނަމަ އިތުރު 8.5 މިލިއަން ޕައުންޑް ދައްކަން ޖެހެ އެވެ. އަދި ޔުނައިޓެޑުގައި ހުރެ ފީފާގެ އެވޯޑުގެ ގަދަ ތިނަކަށް ނޮމިނޭޓްވެއްޖެނަމަ އިތުރު 10 މިލިއަން ޕައުންޑް ދޭން ޖެހޭނެ އެވެ.
ސީޒަނުގެ ކުރީކޮޅުގައި މާޝިއަލް އަށް ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެ އެވެ. އެކަމާ ގުޅިގެން އޭނާގެ އޭޖެންޓް ވަނީ ފުރަތަމަ އެގާރަ ޔަގީންވާ ޓީމަކަށް މާޝިއަލް ގެންދަން އެހެން ކްލަބްތަކާ މަޝްވަރާ ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލިޔޯން އާއި ސްޕެއިނުގެ ސެވިއްޔާ ހިމެނެ އެވެ.
އެހެން ނަމަވެސް ފަހަކަށް އައިސް ޔުނައިޓެޑު ކުޅުނު ގިނަ މެޗުތަކުގައި މާޝިއަލް އަށް ވަނީ ފުރުސަތު ދީފަ އެވެ. ބައެއް މެޗުތަކުގައި ފުރަތަމަ އެގާރައިގައި ވެސް ކުޅުނެވެ. ޔުނައިޓެޑުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މި ވަގުތު އަނިޔާގައި ހުުރުމުން މާޝިއަލް އަށް އިތުރު ފުރުސަތުތަކެއް ލިބޭނެ އެވެ.