މެންޗެސްޓާ (އޮގަސްޓް 30) – ދިގު މުއްދަތުގެ އާ ކޮންޓްރެކްޓެއް ހެދުމަށް އެންތަނީ މާޝިއަލްގެ އޭޖެންޓުންނާ އެކު މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާތައް ފަށައިފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އެކަމަކު ކޮންޓްރެކްޓް އިތުރަށް އެއް އަހަރަށް ދިގު ދެންމުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބެ އެވެ. މިހާރު މަޝްވަރާކުރަނީ ފަސް އަހަރުގެ މުއްދަތުގެ އާ ކޮންޓްރެކްޓް ހެދުމަށެވެ.

މާޝިއާލްގެ އޭޖެންޓް ވަނީ ކުޅުމުގެ ފުރުސަތު ނުލިބޭތީ ކްލަބް ދޫކޮށްލަން ބޭނުންވާކަން ކުރިން ބުނެފަ އެވެ. އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ސްކޮޑުން ފުރުސަތު ނުލިބުނު އެއް ސަބަބަކީ ވެސް އެއީ އެވެ.

މާޝިއަލް އަށް އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި އިޓަލީގެ އޭސީ މިލާނުން ޝައުގުވެރިވެ އެވެ. އޭނާ ވިއްކާލަން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވެސް ވި އެވެ. ޗެލްސީގެ ވިލިއަން އާއި އިންޓަގެ އިވާން ޕެރިސިޗަކީ ޔުނައިޓެޑުން އޭނާގެ ބަދަލުގައި ގެންނަން ބޭނުންވި ކުޅުންތެރިންނެވެ.

އެކަމަކު އޭނާގެ ކިބައިގައި ހުރި ހުނަރުގެ ބޭނުން ކޯޗު މޮރީނިއޯ ހިފަން ޖެހޭ ކަމަށް ގަބޫލުކޮށް އޭނާ ވިއްކުން ހުއްޓުވީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑެވެ. މޮރީނިއޯ އެގޮތަށް ކުރިން ވިއްކާލީ ބައެއް ކުޅުންތެރިން ވަނީ އެހެން ކްލަބްތަކުގައި ތަފާތު ދައްކައިފަ އެވެ. އޭގެ ތެރޭގައި މުހައްމަދު ސަލާހާއި ކެވިން ޑި ބްރޭނާ ހިމެނެ އެވެ.

މާޝިއާލް އަކީ ޔުނައިޓެޑުން 2015 ވަނަ އަހަރު މޮނާކޯ އިން 36 މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިޔެކެވެ. އެކަމަކު ހަގީގަތުގައި އޭނާ އަކީ ޔުނައިޓެޑުން ގެންނަން ޕްލޭންކުރި ކުޅުންތެރިޔެއް ނޫނެވެ. އޭނާ ގެނައީ އެ ފަހަރުގެ ޓްރާންސްފާ ބާޒާރުގެ ފަހު ވަގުތެވެ.