ގްރީންލޭންޑްގެ ހޫނުމިން، މިދިޔަ 1000 އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް މިހާރު ގޮސްފައިވާ ކަމަށް ދިރާސާކުރާ ތަޖުރިބާކާރު ސައެންސްވެރިން އިންޒާރުކޮށްފި އެވެ.

ސައެންސްގެ ދިރާސާތައް ޝާއިއުކުރާ މަޖައްލާއެއް ކަމަށްވާ "ޖާނަލް" ގައި އިއްޔެ ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 1995 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގެ ހޫނުމިން ހުރި އެވްރެޖް މިންވަރަށް ވުރެ މިހާރު ވަނީ، 1.5 ޑިގްރީ (2.7 ޑިގްރީ ފެރަންހެއިޓް) މައްޗަށް ގޮސްފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން ގްރީންލޭންޑްގައި ހުރި ގަނޑުފެންތައް ތޮރުފައިގެން އެންމެ އަޑިން ނެގި ގަނޑުފެންތަކުގެ ހޫނުމިން މިހާރު ހުރީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.

މިއިން އެނގެނީ، އެ ސަރައްހައްދުގެ ހޫނުމިން އަހަރުން އަހަރަށް މަތިވަމުން އަންނަ ކަމެވެ. އެ ސަރަހައްދުގައި ތިބެގެން ދުނިޔޭގެ މޫސުން ދިރާސާކުރާ ސައެންސްވެރިން، ގަނޑުފެންތައް ތޮރުފައިގެން އޭގެ ފުނުން ސާމްޕަލްތައް ނަގައިގެން ދިރާސާކުރުމަކީ، އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

މި ދިރާސާތައް ކުރަމުން އަންނަ އިރު އެނގެނީ، 1990ގެ އަހަރުތަކުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ވެސް، ގްރީންލޭންޑް ހިމެނޭ ސަރަހައްދުގެ ހޫނުމިން މައްޗަށް ދާ ކަމެވެ. މިއީ އިންސާނުން އަމިއްލަ އަށް ކުރާ ކަންކަމުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ ކަމުގެ ވަރަށް ސާފު ހެއްކެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ގްރީން ލޭންޑްގެ ގަނޑުފެންތައް ތޮރުފައިގެން ނަގާ ސާމްޕަލްތައް ދިރާސާކުރަމުން އަންނަތާ މިހާރު އެތައް އަހަރެއްވެއްޖެ އެވެ. އެ ގޮތުން އެއްކުރި މައުލޫމާތުތައް އެންމެ ފަހުން ދިރާސާކޮށް ނިންމާފައިވަނީ 1995 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެފަހަރު އެއްކުރި މައުލޫމާތަށް ބުރަވެ އޭރު ބުނެފައިވަނީ، އާޓިކް ސަރަހައްދުގެ އެހެން ތަންތަނުގެ ހޫނުމިން މައްޗަށް ދާ ހަލުވި މިނުގައި، ގްރީންލޭންޑްގެ ހޫނުމިން މައްޗަށް ނުދާ ކަމަށެވެ. ނަމަވެސް 2011 ވަނަ އަހަރު ގްރީންލޭންޑްގެ ގަނޑުފެންތައް ތޮރުފައިގެން ނެގި ސާމްޕަލްތައް ދިރާސާކޮށް ބެލުމުން އެނގުނީ، 1995 ން ފެށިގެން 2011 ވަނަ އަހަރާ ދެމެދު، ގްރީންލޭންޑް ސަރަހައްދުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ ކަމެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، ބިމު އަޑިން ނަގާ ހަކަތައިގެ ބާވަތްތައް ކަމަށްވާ ޕެޓްރޯލާއި ޑީސަލާއި ކަރާސީނުގެ އިތުރުން ބޯޓުދެއްޔާއި ގޭހުގެ ބާވަތްތައް އެންދުމުން ބޭރުވާ ވިހަ ގޭސްތަކެވެ. އެފަދަ ހަކަތައިގެ ބާވަތްތައް އެންދުމުން، ދުމުގެ ގޮތުގައި ޖައްވުގެ ތެރެއަށް އަރައިގެންދާ ކާބަންގެ ސަބަބުން، އޯޒޯން ފަށަލަ ތުނިވެ އެވެ.

އިރުގެ ހޫނުން މި ބިން ހިމާޔަތްކުރުމަށް ގުދުރަތީ ގޮތުން ލައްވާފައިވާ އޯޒޯން ފަށަލަ ތުނިވުމާ އެކު، އިރުގެ ހޫނު ދޯދިތައް މިބިމަށް އެޅޭ މިންވަރު އިތުރުވެ، ދުނިޔެ ހޫނުވާން ފަށަ އެވެ.

އދ.ގެ ތިމާވެއްޓާ ބެހޭ އިދާރާ ޔުނެސްކޯ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، ދުނިޔޭގެ ހޫނުމިން މިހާރު މަތިވަމުންދާ ނިސްބަތުގައި މަތިވަމުންދާ ނަމަ، 2050 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގައި މިހާރު ހުރި އެންމެ މަޝްހޫރު ގްލެސިއާ (ގަނޑުފެން)ތައް ވިރި ނެތިގެންދާނެ އެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ 50 ސަރަހައްދެއްގައި، 18600 އަށް ވުރެ ގިނަ، ބިޔަ ގަނޑުފެންގަނޑުތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި، މި ސައްތައިގެ މެދާ ހަމައަށް ދާއިރު، ވިރި ހުސްވާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.

އެހެން ބައެއް ދިރާސާތައް ބުނާ ގޮތުން، ދުނިޔޭގައި މިހާރު ހުރި ބޮޑެތި ގަނޑުފެންތަކުގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި ގަނޑުފެންތައް 2100 ވަނަ އަހަރުގެ ކުރިން ވިރި ހުސްވެގެން ދާނެ އެވެ.