އާކްޓިކް ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ މި އަހަރުގެ ހޫނު މޫސުމުގައި، މީގެ ކުރިން އެ ސަރަހައްދުން ގަނޑުފެން ނުވިރޭހާ ގިނައިން، މިދިޔަ ހަފުތާގައި ގަނޑުފެން ވިރިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޑެންމާކުގެ ދިރާސާ ޓީމަކުން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ ހޫނު ރޯޅިތަކުގެ ސަބަބުން، އާކްޓިކުގެ ގަނޑުފެން ފަށަލައިން ވިރިގެން ފޭބި ފެނުން، އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ފަސް ސެންޓިމީޓަރަށް ފޮރުވައިލެވޭނެ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އާކްޓިކް ސަރަހައްދުން އެވްރެޖްކޮށް ދުވާލަކު އަށް ބިލިއަން ޓަނުގެ ގަނޑުފެން ވިރިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި މި މިންވަރަކީ އާންމު ހޫނު މޫސުމެއްގައި އާކްޓިކުން ގަނޑުފެން ވިރިގެން ފައިބާ މިންވަރަށް ވުރެ ދެ ގުނަ އިތުރު މިންވަރެކެވެ.
"މިއީ ގަނޑުފެން ވިރުމުގެ ވަރަށް މަތީ މިންވަރެއް. އަދި އޭގެ ސަބަބުން ގްރީންލޭންޑުގެ މޫނުމަތި ބަދަލުވެގެން ދިޔުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. މިއިން އެނގެނީ ކުރިމަގުގައި މިއަށްވުރެ ވެސް ހަލުވި މިނެއްގައި މާ ގިނައިން ގަނޑުފެންތައް ވިރުމުގެ ނުރައްކާ އެބަ އޮތްކަން. ހަމައެއާ އެކު އެނގެނީ ދުނިޔެ ހޫނުވަމުން ދާ މިންވަރު،" ނިއު ޔޯކުގެ ކޮލަމްބިއާ ޔުނިވަސިޓީގެ ތަޖުރިބާކާރު މާކޯ ޓެޑެސްކޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އާކްޓިކުގެ ގަނޑުފެންތައް އައީ ވިރެމުންނެވެ. ނަމަވެސް މިހާރު ގަނޑުފެން ވިރެމުންދާ މިންވަރު މިވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އަދި ގަނޑުފެންގަނޑުގެ މަތީގައި އޮންނަ ސްނޯގެ ފަށަލައަކީ، ގަނޑުފެންގަނޑު ރައްކާތެރިކޮށްދޭ ރަޖާގަނޑެއް ކަމަށާއި، ސްނޯތައް ވިރިގެން ފޭބުމުން، ގަނޑުފެންތައް ވިރޭ މިންވަރު އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ގަނޑުފެންތައް ވިރެމުންދާ މިންވަރުން ދެން ވާނީ ކިހިނެއްކަން އެކަކަށް ވެސް ނޭނގޭ. ގަނޑުފެނުގެ މި ބިޔަ ސަރަހައްދަށް ވަމުންދާ ގޮތް ބަލަން ތިބުމަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް. އެ ގަނޑުފެންތަކަށް ވަމުން އެދާ ގޮތަކީ ހަމަ އަޖައިބުވަނިވި ކަމެއް."
ޑެންމާކުގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ގްރީންލޭންޑުގެ އުތުރު ސަރަހައްދުގެ ހޫނުމިން މިހާރު ހުރީ 20 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް މަތީގަ އެވެ. މިއީ އެ ސަރަހައްދުގައި އާންމު ހޫނު މޫސުމުގައި ހޫނުމިން ހުންނަ މިންވަރަށް ވުރެ ދެ ގުނަ އިތުރު މިންވަރެކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގްރީންލޭންޑުގެ ގަނޑުފެންތައް އެންމެ ގިނައިން އެއްފަހަރާ ވިރިފައިވާ ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިފަހަރު ގަނޑުފެންތައް ވިރެމުންދާ ސަރަހައްދުގެ ބޮޑުމިން، 2019 ވަނަ އަހަރާ އަޅައި ބަލާއިރު މާ ބޮޑެވެ.